ހއ. ބާރަށް ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު ސުޖާއުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ބާރަށު ބަނދަރުގެ ނެރު ފުން ކުރުމާއި، އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުމާއި، އެއްގަމު ތޮށިލުމުގެ މަސައްކަތުގެ އިތުރުން ރޭމްޕު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެެވެ.
އަދި ޑިންގީ އެޅުމަށް ކޮންކްރީޓް ޖެޓީއެއް ޤާއިމުކުރުމާއި، ގްރޮއިން ޖެހުމާއި، ބަނދަރުގެ ދެ ފަރާތުގެ ވެލިގަނޑ ހިފެހެއްޓުމަށް ރިވެޓްމެންޓް ޖެހުމާއި، ސޭންޑްފިލްޑް ބްރޭކް ވޯޓަރ ގާއިމުކުރުމާއި، މޫރިން ބޮއި ހަރުކުރުމުގެ އިތުރުން ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.