ލީބިޔާގައި 2015 ވަނަ އަހަރު ހިނގި ދާޚިލީ ހަނގުރާމައާ ގުޅިގެން، އދގެ ދަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) އިން އެ ޤައުމުގެ ވައިގެ ސަރަހައްދަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިއެވެ.

މި ނިންމުން އިޢުލާނުކުރައްވާފައިވަނީ ޤަތަރުގައި ބޭއްވުނު ސަރަހައްދީ މަދަނީ އުދުހުންތަކާ ބެހޭ އިސް އޮފިޝަލުންގެ ބައްދަލުވުމެއްގައި، އައިކާއޯގެ ސެކްރެޓަރީ ޖެނެރަލް ހުއާން ކާލޯސް ސަލަޒާއެވެ.

ލީބިޔާގެ ދަތުރުފަތުރާބެހޭ ވަޒީރު ވިދާޅުވީ، މިއީ އެ ޤައުމުގެ އުދުހުންތަކުގެ ދާއިރާއިން ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށާއި، އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އިތުބާރު އަލުން ލިބުމުގެ ނަތީޖާއެއް ކަމަށެވެ.

މި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން، ލީބިޔާގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން ދަތުރުކުރުމުގެ ހުއްދައަށް އެދި ދުނިޔޭގެ އެކި އެއާލައިންތަކުން ވަނީ ބޮޑު ތަރުހީބެއް ދޭން ފަށާފައެވެ.

އެގޮތުން، މި ނޮވެމްބަރު މަހުން ފެށޭ ފިނި މޫސުމުގައި މަހަކު 61,968 ފްލައިޓް އެ ސަރަހައްދުން ދަތުރުކުރުމަށް ހުއްދަ ދޫކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ. މިއީ ކުރީ އަހަރުގެ އެވްރެޖް 2,000 ފްލައިޓާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

2011 ވަނަ އަހަރުގެ ހަމަނުޖެހުންތަކާއި 2014 ވަނަ އަހަރުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ލީބިޔާގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، މި އައު ބަދަލާއެކު ޤައުމުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ.