އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ޚަލީލުން 5،000 ގައިކުރާ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެ، އެ މީހުންގެ އުމްރާނީ ވަސީލަތްތައް ހަލާކުކޮށް، އާ ހަގީގަތެއް ޤާއިމުކުރުމަށް ޔަހޫދީ ސިފައިން ވަނީ ނުރައްކާތެރި އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ.
ޚަލީލު ސިޓީގެ މޭޔަރު ޔޫސުފް އަލް-ޖަބަރީ ހާމަކުރެއްވި ގޮތުގައި، ޔަހޫދީ ސިފައިން ހިންގަމުންދާ މި އޮޕަރޭޝަންގައި ޚަލީލު ސިޓީގެ އިންތަކުގެ ތެރެއިން އެކަނިވެސް 4،069 ފަލަސްޠީނުގެ ރައްޔިތުން ވަނީ ގަދަކަމުން ބޭރުކޮށްލާފައެވެ. މީގެ ތެރޭގައި 336 ކުޑަކުދިންނާއި، 216 މާބަނޑު އަންހެނުންނާއި، ހާއްސަ އެހީއަށް ބޭނުންވާ 44 މީހުންނާއި، 312 ބަލިމީހުންގެ އިތުރުން އުމުރުން 60 އަހަރުން މަތީގެ 441 މުސްކުޅިން ހިމެނެއެވެ.
ތަޢުލީމީ މާހިރުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ ހަމައެކަނި ވަގުތީ ފިޔަވަޅެއް ނޫނެވެ. ބޮޑެތި ބިންތަކެއް ހޯދައި، އަރަބިންގެ އަދަދު މަދުކުރުމުގެ ސިޔާސަތުގެ ދަށުން ދާއިމީ ގޮތެއްގައި ދަރިކޮޅު ނައްތާލުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި މި އޮޕަރޭޝަން ވަނީ ސިފަކުރެވިފައެވެ.
ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް ވަނީ ޖެނީން، ނޫރު ޝަމްސް އަދި ތުލްކަރަމް ރެފިއުޖީ ކޭމްޕުތަކުގައި 33,000 އަށްވުރެ ގިނަ މީހުން ގެދޮރުނެތިކޮށްލި "އަޔަން ވޯލް" އޮޕަރޭޝަންގެ މޮޑެލް ޚަލީލުގައިވެސް ތަންފީޒުކުރާނެ ކަން އިއުލާނުކޮށްފައެވެ.
މި ހަމަލާތަކުގައި ފެންވަޅުތަކާއި، ކާރުޚާނާތަކާއި، މަގުތައް ހަލާކުކުރަމުންދާއިރު، 150,000 އަށްވުރެ ގިނަ ހައްދުފަނައެޅި ޔަހޫދީ ވަޒަންވެރިން، ސިފައިންގެ އެހީތެރިކަމާއެކު ފަލަސްޠީނު އާންމުންނަށް ދަނީ ހަމަލާތައް ދެމުންނެވެ.
ޔަހޫދީ ސިފައިން ވަނީ ޚަލީލުގައި 220 ހުރަސް ޤާއިމުކޮށް، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ކާބަފައިންގެ ބިމުން އެކަހެރިކޮށްފައެވެ. އަންގާރަ ދުވަހު ބާއްވާ ޔަހޫދީ އިންތިޚާބާ ދިމާކޮށް ނަތަންޔާހޫގެ ސަރުކާރުން މި އޮޕަރޭޝަން ވަރުގަދަކޮށްފައިވަނީ ހައްދުފަނައެޅި ވަޒަންވެރިންގެ ވޯޓު ހޯދުމުގެ ސިޔާސީ ކެމްޕޭނެއްގެ ގޮތުގައި ކަމަށް މަސްއޫލުވެރިން ތުހުމަތުކުރެއެވެ.
ފަލަސްޠީން އާބާދީ ނައްތާލުމަށް ޚަލީލުގައި ޔަހޫދީ ސިފައިންގެ ހަރަކާތް ފުޅާކުރަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed