ނައިޖާގައި ހުރި އަލްޖީރިއާގެ ހަކަތަ އާއި އިޤްތިޞާދީ އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް، އަލްޖީރިއާގެ ސިފައިން ނައިޖާއަށް ފޮނުވުމަށް ނިންމައިފިއެވެ.
މިއީ 1973 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު، ޤައުމުން ބޭރަށް އަލްޖީރިއާއިން ސިފައިން ފޮނުވާ ފުރަތަމަ ފަހަރެވެ.
އަލްޖީރިއާގެ ރިޔާސީ ގަނޑުވަރުން މަޢުލޫމާތު ދޭ ގޮތުގައި، އަސްކަރީ ފައުޖުތައް ނައިޖާއަށް ފޮނުވަނީ ދެ ޤައުމުގެ މުހިންމު ހަކަތައާއި އިޤްތިޞާދީ މަސްލަޙަތުތައް ރައްކާތެރިކުރުމަށްޓަކައެވެ.
މި އޮޕަރޭޝަނުގެ ދަށުން ސިފައިން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވަނީ ނައިޖާގެ އުތުރުގައި، ލީބިޔާ އާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައިވާ މަދާމާ ސަރަހައްދުގައެވެ.
އަލްޖީރިއާގެ ޤާނޫނުހަދާ މަޖިލީހުން ވަނީ ސަރުކާރުގެ މި ނިންމުމަށް ރުހުން ދީފައެވެ.
ނަމަވެސް، މި ކަމުގައި ބައިވެރިވާ ސިފައިންގެ ޢަދަދާއި، ފައުޖުތައް ފުރާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ނައިޖާގައި އޮތް އަލްޖީރިއާގެ އެންމެ ބޮޑު މަޞްލަޙަތަކީ، ވިލާތުގެ ބައްރަށް އެފްރިކާގެ ގޭސް އެކްސްޕޯޓްކުރުމަށް ހަދާ ޓްރާންސް-ސަހާރާ ގޭސް ހޮޅީގެ މަޝްރޫޢުއެވެ.
މި ސަރަޙައްދުގައި ހަތިޔާރު އެޅި ނިރުބަވެރި ޖަމާޢަތްތަކުގެ ހަމަލާތައް އިތުރުވަމުންދާތީ، މި ފިޔަވަޅަކީ އެ މަޝްރޫޢާއި އެނޫންވެސް އިޤްތިޞާދީ އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އަލްޖީރިއާގެ ސަރުކާރުން ވަނީ ބުނެފައެވެ.
ހަކަތައިގެ ވަސީލަތްތައް ހިމާޔަތްކުރަން އަލްޖީރިއާގެ ސިފައިން ނައިޖާއަށް ފޮނުވަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed