ތިލަމާލެ ބުރިޖުގެ %80 މަސައްކަތް ނިންމާލައިފިއެވެ. ސައިޓުގައި މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.
ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން %98.53 ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ގުޅިފަޅުގައި ޤާއިމުކޮށްފައިވާ ބުރިޖު ސައިޓުގައެވެ.
އެއް ތަނބު އަނެއް ތަނބާ ގުޅާލުމަށް ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ %88 މަސައްކަތް ވަނީ ނިންމާފައެވެ. ބުރިޖުގެ މުޅި މަޝްރޫޢަށް ބަލާއިރު، %80.32 މަސައްކަތް ނިމިފައިވާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ބުރިޖު މަސައްކަތްތަކުގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު އެއް މަސައްކަތަކީ ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތެވެ. ބްރިޖުގެ ވިލިމާލެ އާއި ގުޅީފަޅު ދެމެދުގެ އެންމެ ފަހު ސެގްމެންޓް އިންސްޓޯލްކޮށް، މި މަހުގެ ނިޔަލަށް ވިލިމާލެއާއި ގުޅީފަޅު ގުޅާލުމަށް ހަމަޖެހިފައިވާކަމަށް ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މަސައްކަތް އޮގަސްޓްމަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ. އެއީ 2.2 ކިލޯމީޓަރުގެ ބުރިޖެކެވެ.
ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބުރިޖަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ބުރިޖެކެވެ. އެ ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހުއެވެ.
ގުޅިފަޅުން ތިލަފުއްޓަށް ހަދާ ބުރިޖަކީ ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެކެވެ.
މުޅި މި މަޝްރޫޢުގައި 6.7 ކިލޯމީޓަރު ތަރައްޤީކުރެއެވެ. އެއީ ކަނޑު ހުރަސްކޮށް ހަދާ 3 ބުރިޖާއި، ގުޅާލާ ރަށްރަށް ހުރަސްކޮށް ހަދާ ހައިވޭ މަގުތަކެވެ.

ބުރިޖު ގޮސް ރަށްރަށާ ގުޅޭ ހައިވޭއާއި މަގުތައް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖް ގުޅޭ ސަރަޙައްދު ހިމާޔަތްކުރުމަށް ޖަހާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.
ސަރުކާރުން ޢަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ބުރިޖުގެ މަސައްކަތް މުޅިން ނިންމުމަށެވެ.
މި މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އަދި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ 500 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.