އީރާނުން ލިބުނު މާލީ އެހީއާއެކު، ލުބްނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲ އިން ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ޔަހޫދީންގެ ނިރުބަވެރި ދައުލަތާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް އަލުން ތައްޔާރުވެ، ހަތިޔާރު އެއްކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

2024 ވަނަ އަހަރުން ފެށިގެން ޔަހޫދީ ދައުލަތާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި ޙިޒްބުﷲ ގެ ގިނަ ޢަދަދެއްގެ އަސްކަރީ ވެރިންނާއި ހަނގުރާމަވެރިން މަރުވެ، އެ ޖަމާޢަތުގެ ހަތިޔާރު ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މީގެ އިތުރުން، ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތައް ޔަހޫދީ ސިފައިން ވަނީ ހިސާރުކޮށްފައެވެ.

މި ހާލަތުގައި، ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމަށް ލުބުނާނުގެ ސަރުކާރުން ވެސް ދަނީ ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ. ނަމަވެސް، ފާއިތުވި މަސްތަކުގައި ހަމަލާތައް މަޑުޖެހިފައި އޮތުމުގެ ފައިދާ ނަގައި، އީރާނުން ލިބުނު އެތައް މިލިއަން ޑޮލަރުގެ މާލީ އެހީ ބޭނުންކޮށްގެން ބަރުހަތިޔާރާއި ޑްރޯން އުފެއްދުމުގެ މަސައްކަތް އެ ޖަމާޢަތުން ކުރަމުންދާކަމަށް އެކި މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އެ ރިޕޯޓުތައް ބުނާ ގޮތުގައި، ހަނގުރާމައިގައި ބަލިކަށިވި އަސްކަރީ ކޮމާންޑް އެންޑް ކޮންޓްރޯލް ނިޒާމު އަލުން ވަރުގަދަކުރުމަށް ޙިޒްބުﷲ އިން ދަނީ މަސައްކަތްކުރަމުންނެވެ.

ނަމަވެސް، ލުބުނާނުގެ ރައްޔިތުން އިތުރަށް ހާލުގައި ޖެހިދާނެތީ، ޔަހޫދީ ދައުލަތުން ލުބްނާނަށް ހަމަލާދިނުމުގެ އައު ބަހަނާއެއް ނުދިނުމަށް އެ ޖަމާޢަތުން ސަމާލުވާ ކަމަށް ޙިޒްބުﷲ ގެ މީޑިއާ އޮފީހުން ބުނެއެވެ.

އޭގެ އަނެއްކޮޅުން، އެމެރިކާއިން ބުނަމުންދަނީ ދަތިކުރުމުގެ ފިޔަވަޅުތައް މެދުވެރިކޮށް ޙިޒްބުﷲ އާއި އީރާނުގެ މާލީ ވަސީލަތްތައް ހަނިކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ.