ޓެކްސްގެ އަދަދު އެޕީލްކުރުމުގެ ކުރިން، އިއުތިރާޒުކުރާ އަަދަދުގެ %100 ދައްކަންޖެހޭ ހާލަތު ކަނޑައެޅުމަށް ހުށަހަޅާފައިވާ އިސްލާޙުގެ ސަބަބުން، ޓެކްސްގެ ނިޒާމުގެ އަދަލުވެރިކަން ޤާއިމްކުރުމަށް މަގުފަހިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
މި ބިލަކީ ޓޭކްސް ދައްކާ ފަރާތްތަކުން ދައްކާ ޓެކްސްގެ އަދަދު މީރާއިން ކަނޑައެޅުމުން، އެ އަދަދާމެދު އިއުތިރާޒުކޮށް މީރާގެ ނިންމުން އެޕީލް ޓްރަބިއުނަލްގައި އިސްތިޢުނާފުކުރާ ހާލަތުގައި، އެފަދަ މައްސަލަތައް ހުށަހެޅުމުގެ ކުރިން، މީރާއިން ކަނޑައެޅި ޢަދަދުގެ ތެރެއިން އިއުތިރާޒުކުރާ އަދަދުގެ %100 ދައްކަންޖެހޭ ޙާލަތުތައް ކަނޑައެޅުމަށްޓަކައި ޓެކްސް ނެގުމާބެހޭ ޤާނޫނަށް އިސްލާޙުގެނައުމުގެ މަޤްސަދުގައި ހުށަހަޅާފައިވާ ބިލެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވި މެމްބަރު، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްވަނީ މިއީ ޓެކްސްގެ ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތަކުގެ ފައިދާ ނަގާ، އިސްތިޢުނާފުގެ މަރުހަލާ ގަސްތުގައި ދިގުދަންމާލުން ނިމުމަކަށް ގެންނަން ލިބޭ ފުރުސަތެއްކަމަށް ފާހަގަކުރައްވާފައެވެ.
ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ ދަޢުލަތަށް ލިބެން ޖެހޭ ފައިސާ ލިބިގެންކަމަށްވާއިރު، ޓެކްސްއަށް މަކަރުހެދުމަކީ ބަލައިގަނެވޭކަމެއް ނޫންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. މި ޤާނޫނަކީ ބޮޑެތި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ނުދައްކާ ރެކެން ލިބޭ ފުރުސަތު ނިމުމަކަށް ގެނެވޭނެ އިސްލާހެއްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
"އާދައިގެ މައްސަލަތަކުގައި އިސްތިޢުނާފު މަރުހަލާ ދިގު މުއްދަތަކަށް ދިގު ދަންމާލާ. ކުދި ނޫނީ މެދުފަންތީގެ ވިޔަފާރީގެ ނިޒާމުގެ ތެރެއިން ފުރިހަމައަށް ޓެކްްސްގެ ޤާނޫނަށް އަމަލުކުރެވޭ. ނަމަވެސް ޤަބޫލުކުރެވިފައި އޮތީ ބޮޑެތި ވިޔަފާރިތަކުން އެގޮތަށް އަމަލުކުރަން ނުޖެހެއޭ. އެއީ އެކަން ހިނގާވެސް ގޮތް." މެމްބަރު މަމްދޫހު ވިދާޅުވިއެވެ.

ބިލަށް ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ޓެކްސްގެ ނިޒާމަށް ބޯލެނބި ނަމަވެސް ބޮޑެތި ކުންފުނިތަކުން ބައެއް ފަހަރު މަސައްކަތްކުރަނީ އުސޫލާ އެއްގޮތަށް ނޫންކަމަށެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް އެފަދަ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ މަޢާފުކޮށްދިނުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ގެންނަ އިސްލާޙަކީ ޓެކްސްގެ ނިޒާމު ހަރުދަނާކޮށް، ހަމަހަމަކަން އިތުރުކުރުމަށް މުހިންމު ބަދަލެއްކަމަށް މެމްބަރު ވިދާޅުވިއެވެ.
ބިލަށް ވާހަކަދެއްކެވި އެހެން މެމްބަރުން ވަނީ ޓެކްސްގެ ނިޒާމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ސަރުކާރުން ގިނަ މައްކަތްތަކެއް ކުރައްވާކަމަށް ވިދާޅުވެފައެވެ. މެމްބަރުން ވަނީ ނުފޫޒު ގަދަވުމުން ނުވަތަ ބޮޑު ކުންފުންޏަކަށްވުމުން ޓެކްސް ނުދައްކާ ފަރުޖެހުމަކީ އާއްމު ރައްޔިތުންނާމެދު ވެވޭ ބޭއިންސާފެއްކަމަށް ފާހަގަކުރައްވާފައެވެ. އަދި ބިލާ ދެކޮޅަށް ވާހަކަދެއްކެވި މެމްބަރުން ވިދާޅުވީ މި ބިލު ފާސްކުރުމުގެ ކުރިން މިހާރަށް ވުރެ ބޮޑަށް ދިރާސާކުރަން ޖެހޭކަމަށެވެ.
މި ބިލުގައި ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަނީ އެ ޤާނޫނުގެ 39ވަނަ މާއްދާގެ ދަށުން މީރާއިން ކަަނޑައަޅާ ޓެކްސްގެ އަދަދާ ގުޅިގެން ނަމަ، އެ މައްސަލަ އިސްތިޢުނާފުކުރެވޭނީ، އިސްތިޢުނާފުކުރާ އަދަދުގެ %50 އާއެއްވަރުގެ އަދަދެއް ދައްކާ ނިންމުމަށް ފަހުގައިކަމަށެވެ. އަދި އިއުތިރާޒުކުރާ އަދަދުގެ %100 ދައްކަންޖެހޭ ޙާލަތުތައް ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.