އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު، ޒެންޒިބާރުގެ ވަފުދަކާ ބައްދަލުކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ، އިސްލާމީ މުހިންމު ދާއިރާތަކުންނާއި، ޚާއްޞަކޮށް އިސްލާމިކް ފައިނޭންސާއި، ޒަކާތާއި، ވަޤުފު ތަރައްޤީ ކުރުމުގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ، އެ ވަފުދުގެ ބޭފުޅުންނަށް ދިވެހިރާއްޖެއަށާއި އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއަށް ހޫނު މަރުޙަބާއެއް ދަންނަވައި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެބޭފުޅުން ކުރެއްވި ޒިޔާރަތާއި ދެއްވި ޝައުޤުވެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އިސްލާމީ ކަންތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދިވެހިރާއްޖެއާއި ޒެންޒިބާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ފާހަގަކުރުމުގެ މައްޗަށް ކަމަށެވެ. ޚާއްޞަކޮށް އިސްލާމިކް ފައިނޭންސް ޚިދުމަތްތައް ކުރިއެރުވުމާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމާއި، ދެމެހެއްޓެނިވި ވަޤުފް އިންވެސްޓްމަންޓް އުޞޫލުތައް ތަރައްޤީކުރުމާއި، އިސްލާމީ އިޤުތިޞާދީ ފުދުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން އަލިއަޅުވާލާފައިވާ ކަމަށެވެ.


ރާއްޖެއަށް ޒިޔާރަތްކުރެއްވި ޒެންޒިބާރުގެ ވަފުދުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޒެންޒިބާރު ޓްރެޜަރީ ސުކޫކް އެސްޕީވީ، އިޙްސާން ތަކާފުލް އެންޑް ފައިނޭންޝަލް ސަރވިސަސް އަދި ޒެންޒިބާރު އިކޮނޮމިކް އެމްޕަވަރމަންޓް އޭޖެންސީގެ ޗެއަރމަން ސީޕީއޭ ޖުމާ ޢާމިރު މުޙައްމަދާއި، ޒެޑްއައިސީ ތަކާފުލް ޝަރީޢާ އެޑްވައިޒަރީ ބޯޑުގެ ޗެއަރމަންއެވެ. އަދި ވަޤުފް އެންޑް ޓްރަސްޓް ކޮމިޝަންގެ ބޯޑު މެންބަރު ޑޮކްޓަރ ޢަބްދުﷲ ޢުއްސީ ޙަމަދުގެ އިތުރުން ޒެޑްއައިސީ ތަކާފުލް ޝަރީޢާ އެޑްވައިޒަރީ ބޯޑުގެ މެންބަރު ޑޮކްޓަރ ރަޖަބް ޢުމަރު ރަޖަބުވެސް ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމްގެ އަރިހުގައި ސްޓޭޓް މިނިސްޓަރ ޑރ.މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމްއާއި، މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް އަދި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް އިމްތިތާޢު ޢައްބާސް ބައިވެރިވެ ވަޑައިގެންނެވިއެވެ.