މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ފަށައިފިއެވެ. މިއީ، ތިލަފުށި ޕޯޓުން ދޭން ފެށި ފުރަތަމަ ޚިދުމަތެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ، ރާއްޖޭގެ އިޤުތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަޤުޞަދުގައެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްވެސް އެހެން ޤައުމުތަކުން އެތެރެ ކުރާ ޤައުމަކަށްވާއިރު، ރާއްޖެ އެތެރެވާ މުދަލުގެ ތެރެއިން މައިގަނޑު ގޮތެއްގައި ހުރިހާ ބާވަތެއްވެސް އެތެރެކުރަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. މިކަމާއި ގުޅިގެން ވިޔަފާރި ބަނދަރުވެފައިވަނީ، 24 ގަޑިއިރު ހިންގަންޖެހޭ ޤައުމުގެ އިޤުތިޞާދުގެ އެންމެ ބޮޑު އޮޕަރޭޝަނަށެވެ.
ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ދަނީ ކުރަމުންނެވެ. އައު ބަނދަރާއެކު ޕޯޓުގެ ޚިދުމަތްތައް 4 ގުނަ ފުޅާވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މުޅި މަޝްރޫއު ނިމޭނީ، އަންނަ އަހަރުއެވެ. ނަމަވެސް އެމްޕީއެލްއިން މިހާރު ވަނީ، ތިލަފުށި ޕޯޓުގައި މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ފަށާފައެވެ.
މި ޚިދުމަތް ފައްޓަވައިދެއްވުމަށް ބޭއްވި ހަފްލާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، މާލެ އަދި ހުޅުމާލެ ބަނދަރުގައި މިވަގުތުވެސް ދޯނިފަހަރު ކައިރިކޮށް ކޮންޓެއިނަރ އެރުވުމަށް ޖާގަ ކުޑަ ކަމަށެވެ. ނަމަވެސް އެމްޕީއެލްގައި ތަރައްޤީ ކުރަމުންދާ ބަނދަރުން މި ޚިދުމަތް ފެށުމުން މިއީ ދޯނި ކްލިއަރެންސްއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މަޑުމަޑުން ޚިދުމަތްތައް ބަދަލުކުރަމުން ގެންދަވާނެކަމަށް ސީއީއޯ ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ މި ފައްޓަނީ އެފްސީއެލް ކްލިއަރެންސް އޮޕަރޭޝަން ދޯނިފަހަރަށް. އިރާދަކުރެއްވިއްޔާ މާދުރުނޫން މުސްތަޤުބަލެއްގައި އަޅުގަނޑުމެން މިތަނުން ކޮންޓެއިނަރތައް ކަނޑައިގެން އެލްސީއެލް ކާގޯވެސް ދޫކުރަން ފައްޓާނަން. މިއަދު މިފެށުނީ ކޮންޓެއިނަރ ހުރިގޮތަށް ދޯނިފަހަރަށް ލޯޑު ކޮށްގެން ކްލިއަރެންސް ހެދުމުގެ މަސައްކަތް." ސީއީއޯ ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރަކީ، 1986ވަނަ އަހަރު ޚިދުމަތް ފެށި ބަނދަރެކެވެ. 2015ވަނަ އަހަރުން ފެށިގެން މި ބަނދަރުން ޚިދުމަތް ދެމުންދަނީ، ބަނދަރުގެ ކެޕޭސިޓީ އަށްވުރެ 3 ގުނަ އިތުރަށެވެ. ސަރުކާރުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރަނީ، މިހުރިހާ މައްސަލައަކަށް ހައްލެއް ހޯދުމަށެވެ.
ތިލަފުއްޓަށް ބަނދަރު ބަދަލުވުމުގެ ފައިދާ އާންމު ރައްޔިތުންނަށްވެސް ކުރާނެއެވެ. މުދާ ގެނައުމަށް ކުރާ ޚަރަދުތައް ކުޑަވެ، މުދަލުގެ އަގު ތިރިވުމަށްވެސް މަގުފަހިވާނެއެވެ. މި ބަދަލަކީ، ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ މުޅި އިޤުތިޞާދާއި ގުޅިފައިވާ ބަދަލެކެވެ. ސަރުކާރުގެ އަމާޒަކީ، ތިލަފުށީ ބަނދަރު 2027 ނޮވެމްބަރ މަހަށް އެއްކޮށް ނިންމުމެވެ.
މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ފަށައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed