ފާއިތުވި ހަފުތާގައި މުޅިރާއްޖެއަށް ކުރި ވިއްސާރައިގައި އުތުރުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ހދ. ނޮޅިވަރަންފަރުން މިއަދު ފެން ހިންދާ ނިންމާލެވިއްޖެ ކަމަށާއި ނަމަވެސް އާންމު ހާލަތަށް ރުޖޫއަވުމަށްޓަކައި އަދި ހަތަރު ވަރަކަށް ދުވަސް ނަގާނެ ކަމަށް ކައުންސިލުން ވިދާޅުވެއްޖެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ރަށަށް ލިބުނު ގެއްލުތަކުގެ މައުލޫމާތު، ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އާމިރު ވިދާޅުވީ
މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު 37 ގޭބިސީއަކުން އާއިލާތައް ރައްކާތެރި ތަންތަނަށް ބަދަލުކުރެވުނު ކަމަށެވެ. އަދި ރަށުގެ އާންމު ހާލަތަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާއިރު މިހާތަނަށް ބެލި ބެލުމުން ރަށުގެ 448 ގޭބިސީގެ ތެރެއިން، 70 ޕަސެންޓަށް ގެއްލުންވެފައިވާކަން ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށެވެ.

"މިހާރުވެސް މިދަނީ ދާލަ ޕޯޓަލްއަށް މައުލޫމާތު ހިއްސާކޮށް ގެއްލުންވީ އާއިލާތަކަށް އެހީފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން، 5 ދުވަހު ފެނުގެ ތެރޭގައި ހޭދަކުރަން މި ޖެހުނީ .23 ވަނަ ދުވަހު 6:30 ހުން ފެށިގެން ޕަންޕުތައް ޖަހައިގެން، ފަހު ޕަންޕު ނިންމާލީ މިއަދު ހެނދުނު 8:20 ގަ، ޖުމްލަ 6 ކޯރު މޫދާ ގުޅޭ ގޮތަށް ކަނޑައިގެން ފެން ބޭރުކުރުމުގެ މަސައްކަތް ކުރެވުނު" އާމިރު ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއާއި އެމްއެންޑީއެފްއާއި ޕޮލިހާއި ކުޅުދުއްދުފުށީ ސިޓީ ކައުންސިލާއި މީގެ އިތުރުން އެހީ ޖަމްއިއްޔާގެ ފަރާތުންވެސް ފެން ހިންދުމަށް އެހީތެރިކަން ލިބުނުކަން ފާހަގަކޮށް އެފަރާތްތަކަށް ނޮޅިވަރަމްފަރު ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކައުންސިލަށް ދާއިމީކޮށް ފެންހިންދާ ޕަންޕަކާއި އިތުރު 3 ހޮޅި ހަދިޔާކޮށްފައިވާ ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އަދިވެސް އާންމު ހާލަތަށް ގެނައުމަށް ދަތިތަކެއް އެބަހުރިކަމަށް ފާހަގަކުރެއްވިއެވެ.

"ފެންބޮޑުވުމާއި ގުޅިގެން ރަށުގެ މަގުތައްވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެ ހިނގާބިނގާވެ އުޅުމަށް ދަތިވާވަރަށް އުނދަގޫވެފަ. ނަމަވެސް އަޅުގަނޑުމެންނަށް އެހާލަތުން އަރައިގަތުމަށް މިހާރު އޮތް ހުރަހަކީ ރަށުގައި ވެއްޔެއް އެއްގޮތަކަށްވެސް ނުވެއްނެންމެ. އެހެންވީމަ ވެލިއަޅާ މަގުތައް އެއްވަރުކޮށް ތަރުތީބުކޮށްލުމަށް އެދަތިތައްއެބަހުރި. އެ ދަތިތަކަށް އަޅުގަނޑުމެންނަށް ވާނީ ސަރުކާރުގެ އެހީތެރިކަމަށް އެދި ވެލި ލިބޭނޭ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދިފަ" އާމިރު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޖިސް ބޭރުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތަށް ގޮންޖެހުންތަކެއް ހުރިކަން އާމިރު ފާހަގަ ކުރެއްވިއެވެ.

"އާންމު ހާލަތަށް ރުޖޫއަވާން އަޅުގަނޑު ގަބޫލުކުރަނީ ގާތްގަނޑަކަށް އަދި ނަގާނެ 3 ހަތަރު ދުވަސް. އެއީ ގޭގެ ސާފުކޮށް، ސާފުކުރުމުގައި ދިމާވާ ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި. އެއްފަހަރު ސާފުކޮށްފައި ޑިޓޯލްއާއި އެކި ކަހަލަ ކެމިކަލްތައް ބޭނުންކުރީމަވެސް ހަމަ ނަޖިހުގެ ވަސް ހުންނާތީ އަނެއްކާ ދެވަނަ ފަހަރަށްވެސް ހަމަ ސާފުކޮށް ބެލެހެއްޓުމަށް ހަމަ ގިނަ ގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ ހަމަ މިހާރުވެސް" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ރަށަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގުޅުއްވާ ރަށުގެ ހާލަތު ބައްލަވާލެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށާއި، އަދި ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެންނާއި އަލުން އާންމު ހާލަތަށް ރަށް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.