ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ، ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ދީނާގެ މައްޗަށް ދައުވާކުރަނީ، ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއްނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގައެވެ. މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މި މަހުގެ 12ވަނަ ދުވަހު ވަނީ ނިންމަވާފައެވެ.

މި މައްސަލައިގައި ހުކުމް އިއްވުމަށް ބޭއްވި މަޖިލީހުގައި ދިފާޢުން ވަނީ، ދައުވާ ލިބޭ ފަރާތަކީ ޖަލު ބަންދުގައި ހުންނަން ޖެހޭ ފަރާތެއް ކަމުގައި ނުދެކޭ ކަމަށާއި މި ކުށުގެ އަދަބުގެ ގޮތުގައި ގޭބަންދަށް ބަދަލުކޮށް ޖޫރިމަނާ ކުރުމަށް އެދިފައެވެ. އަދި ސިއްޙީ ހާލަތު ހުރިގޮތުން ޖަލުގައި ހުރުމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށާއި، އެކަންކަން އަންގާ ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންވެ، ޖަލު އަދަބު ފިޔަވައި އިތުރު އަދަބެއް ކަނޑައެޅުމަށް ޤާނޫނު ތަންދޭކަންވެސް ފާހަގަކުރެއްވިއެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވަނީ، ދީނާއަކީ ދައުލަތުގެ އިދާރާއެއްގެ އިސް މަޤާމެއް އަދާކުރި ފަރާތަކަށްވާތީ އޭނާގެ އަދަބު ބޮޑުކުރެވިދާނެކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އޭނާއަކީ ކުޑަކުދިންތަކެއް ބަލަމުންދާ މީހަކަށްވާތީއާއި، މީގެކުރިން ކުށުގެ ރެކޯޑެއް ނެތް ފަރާތަކަށްވާތީ އެއީ އަދަބު ލުއިކޮށްދެވިދާނެ ހާލަތްތަކެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރިއެވެ.

މި މައްސަލައިގައި ދައުލަތުންނާއި ދިފާޢުން ހުށަހެޅުއްވި ކަންކަމަށް ރިއާޔަތް ކުރައްވައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު ވިދާޅުވީ ދީނާއަކީ ޖަލު ބަންދުގައި ނުބެހެއްޓޭނެ ފަދަ ސިއްޙީ ހާލަތެއް ހުރި މީހެއްކަން އެނގޭނެ ލިޔުމެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ސާބިތުވި ކުށަކީ، ޖިނާއީ ބޮޑު ކުށެއް ކަމަށްވާތީ 1 އަހަރާއި 7 މަހާއި 11 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ގާޒީ ވަނީ ހުކުމް ކުރައްވާފައެވެ.

ދައުލަތުން އުފުލި ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ހުކުމް ކަނޑައެޅެންދެން ޝަރީއަތް ނިމެންދެން ހުރީ، ބަންދުކޮށްފައެވެ. މައްސަލަ ބައްލަވާ ގާޒީ ކަނޑައަޅުއްވާފައިވަނީ، ދީނާގެ މައްޗަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ދީނާގެ އިތުރުން ދައުވާ އުފުލީ، ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށެވެ. އޭނާގެ މައްޗަށްވެސް ކުށް ސާބިތުވެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.