ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ކުރިމަތިކުރަމުންދާ "ނުރައްކާތައް ނައްތައިލުމަށް" ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގެ ދަށުން، ބެލިސްޓިކް މިސައިލް އުދުއްސާ ހަތަރު ޕްލެޓްފޯމަކާއި މިސައިލް ރައްކާކުރާ ފަސް ބިންގަރާހެއް ހަލާކުކޮށް، ނައްތައިލާފައިވާނެ ކަމުގައި ސަޢުދީ ޢަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިޙާދުން ބުނެފިއެވެ. އެ އިއްތިޙާދުގެ ތަރުޖަމާނު ތުރްކީ އަލް-މާލިކީ ވިދާޅުވީ، ވައިގެ ބާރުތަކުން މިސައިލް ގުދަނަކަށް ހަމަލާދީފައިވާ ކަމުގައެވެ. މި ހަމަލާތައް އަމާޒުކުރީ ޙޫޘީންގެ ކޮންޓުރޯލު އޮންނަ ސަރަހައްދުތަކުގެ ސަޕްލައި މަގުތައް ކަނޑައިލުމަށާއި، ކުރީ ސަފުތަކުގައިވާ ހަނގުރާމަވެރިން އެއްވާ ތަންތަނާއި އަސްކަރީ ވަސީލަތްތައް ނައްތައިލުމަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ހަފުތާތަކުގައި ޙޫޘީން ސަޢުދީގެ ވައިގެ ބަނދަރުތަކަށާއި އުމްރާނީ ވަސީލަތްތަކަށް ހަމަލާތައް އަމާޒުކުރަމުންދާއިރު، ރިޔާޟްގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދިން ހަމަލާގައި 13 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ. މިއީ، ވޭތުވެދިޔަ ދަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމަށް އަމާޒުވި އެންމެ ނުރައްކާތެރި ހަމަލާއެވެ. އެއާޕޯޓު ވަގުތީގޮތުން ބަންދުކުރުމާ ގުޅިގެން ސަޢުދީގެ މުހިންމު އިންވެސްޓްމަންޓް ކޮންފަރެންސް 2027 އަށް ފަސްކުރަން ޖެހުނެވެ. ދަތުރުފަތުރު އަލުން ފެށި ނަމަވެސް، އެއާޕޯޓަކީ "އަސްކަރީ އަމާޒެއް" ކަމުގައި ބުނެ، ޑްރޯން ބޭނުންކޮށްގެން ތެޔޮ ޕަމްޕު ސްޓޭޝަންތަކަށް ވެސް ހަމަލާދީފައިވާނެ ކަމުގައި ޙޫޘީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވިއެވެ.

މި ހަނގުރާމަ އަލުން ވަރުގަދަވީ ސަޢުދީއާ ދެކޮޅަށް ޙޫޘީން ކަނޑުގެ ޙިޞާރެއް އިޢުލާނުކޮށް، ރަތް ކަނޑުގެ އައްސޭރިފަށުގެ ބޮޑުބައެއް ހިފުމާ ގުޅިގެންނެވެ. މި ދަނޑިވަޅުގައި، ވައިގެ ދިފާޢީ ބާރުތަކުން 10 މިސައިލެއް ވައްޓައިލި ނަމަވެސް، ވެއްޓުނު ބައިތަކުގެ ސަބަބުން ދެ މީހަކަށް އަނިޔާވެ އިމާރާތްތަކަށާއި އުޅަނދުތަކަށް ގެއްލުންވި ކަމުގައި ސަޢުދީ ސިވިލް ޑިފެންސުން ބުންޏެވެ. ޔަންބުޢުގެ ހަކަތައިގެ މަރުކަޒުތައް ހިމާޔަތްކުރުމަށް ގްރީސްއިން 2021 ގައި ފޮނުވި އެމެރިކާގެ 'ޕެޓްރިއަޓް' މަރުކާގެ ދިފާޢީ ނިޒާމު އެ ޤައުމުގައި ބެހެއްޓުމަށް ގްރީސްގެ ބޮޑުވަޒީރު ކީރިއާކޯސް މިޓްސޮޓާކިސް ވަނީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއެކު އެއްބަސްވެވަޑައިގަންނަވާފައެވެ. ސަޢުދީ އިސްވެ އޮންނަ އިއްތިޙާދުން ޔަމަނުގެ އަހުލީހަނގުރާމައިގެ ތެރެއަށް 2015 ވަނަ އަހަރު ވަދެފައި ވަނީ، 2014 ވަނަ ޙޫޘީން 2014 ގައި ޔަމަނުގެ ވެރިރަށް ޞަންޢާ ހިފުމުންނެވެ.