އެމެރިކާ މެދުވެރިވެ ހަމަޖެއްސި ޤަތުލުޢާންމު ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް ޣައްޒާގައި ޔަހޫދީން ނަސްލުހޭދުކުރުން ކުރިއަށް ގެންދިޔަ ކަމުގައި އެކުވެރި ދައުލަތްތަކުގެ (އދ) މިނިވަން ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. އިރުމަތީ ޤުދުސް ހިމެނޭހެން ފަލަސްޠީނުގެ ކުޑަކުދިންނާ ދެކޮޅަށް ހިންގި ޖަރީމާތައް ތަޙުޤީޤުކުރި އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ނިޔަތުގައި ޔަހޫދީ އިދާރާތަކުން ދަނީ ޢަމަލު ކުރަމުންނެވެ. ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން އިސް ވެރިން އެ ކަމަށް ހިތްވަރުދޭ ކަމުގައި ބުނެފައިވާ މި ރިޕޯޓަކީ، ޔަހޫދީންގެ ދައުލަތް ބަދުނާމުކުރުމަށް ހިންގާ "ދޮގު މަޢުލޫމާތު ފެތުރުމުގެ ކެންޕޭނެއް" ކަމުގައި ބުނެ އދއަށް ކަނޑައަޅާފައި ހުންނަ ޔަހޫދީ ސަފީރު ޑެނިއަލް މެރޮން ވަނީ އދގެ ރިޕޯޓަށް ފާޑުކިޔާފައެވެ.

"ނަމެއްގައި" ޤަތުލުޢާންމު ހުއްޓައިލި ފަހުން ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބަރު ހަތިޔާރާއި، ޑްރޯނާއި، އާޓިލަރީ ބަޑި ބޭނުންކޮށްގެން ހަމަލާދިން ކަމުގައި އެ ކޮމިޝަނުން ފާހަގަކުރެއެވެ. ވަގުތީ އިން ނުވަތަ 'ޔެލޯ ލައިން' ފަހަނައަޅައި ޣައްޒާގެ އެތެރެއަށް ޔަހޫދީ ސިފައިން ވަދެގަނެ، ބާރު ފުޅާކުރަމުންދާ ކަމުގައި ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. 2023 އޮކްޓޫބަރުގައި ޙަމާސްއިން ދިން ޖިހާދީ ހަމަލާގައި 1،200 މީހުން މަރުވި ފަހުން، ޔަހޫދީން ޣައްޒާއަށް ދިން ޢުދުވާނީ ހަމަލާތަކުގައި 74،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމުގައި ފަލަސްޠީނުގެ އިދާރާތަކުން ބުންޏެވެ. އަދި، ހުޅަނގު އައްސޭރިއަށް ދިން ވައިގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 254 އަށް އަރާފައިވާ ކަމުގައި، އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެއެވެ.

ހުޅަނގު އައްސޭރީގައި ޢާންމުން ޝަހީދުކުރުމާއި ގެދޮރު ހަލާކުކުރުމަކީ ފަލަސްޠީނު މީހުންގެ ނަސްލު ނައްތާލައި ބޭރުކުރުމުގެ ރޭވުމެއް ކަމުގައި، ކޮމިޝަނުގެ މުގައްރިރު ސްރީނިވާސަން މުރަލީދަރް ވިދާޅުވިއެވެ. 2025 ޖަނަވަރީން ފެށިގެން ހިންގި ޢަސްކަރީ ޢުދުވާންތަކާ ގުޅިގެން، 1967 ގެ ފަހުން އެ ސަރަހައްދުގައި އެންމެ ގިނަ ބަޔަކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވި އިރު، 34،176 މީހުން އަދިވެސް ތިބީ ގެދޮރު ގެއްލިފައި ކަމުގައި އޭނާ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ޚިޔާލުފާޅުކުރާ މީހުންނާއި ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާވެރި ފިޔަވަޅުތައް އަޅާތީ ޕަލަސްޓީނިއަން އޮތޯރިޓީގެ މައްޗަށް ވެސް ކޮމިޝަނުން ވަނީ ފާޑުކިޔާފައެވެ.