މޯލްޑިވްސް ޒަކާތު ހައުސްއިން ކުރިއަށްގެންދާ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް މިއަހަރު ޚާއްސަ ކުރަނީ ފަގީރުކަން ނައްތާލުމަށް ކަމަށް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު އައްބާސް ވިދާޅުވެއްޖެއެވެ.

އިމްތިޠާއު މިހެން ވިދާޅުވީ ޒަކާތު ކޮންފަރެންސާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އިމްތިޠާއު ވިދާޅުވީ އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުގެ ކޮންފަރެންސަކީވެސް ގިނަ މައުލޫމާތުތައް ބަދަލުކުރެވި، ނަތީޖާ ނެރެވޭނެ ކޮންފަރެންސަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. މިއަހަރު ބާއްވަނީ އިންޒެކްގެ 3 ވަނަ ކޮންފަރެންސެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު އައްބާސް ވިދާޅުވީ ޒަމާނާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ، ފަގީރުކަމުގެ މާނަ އާއި އެކި އާއިލާތައް ފަގީރުކަމަށް ވެއްޓޭގޮތްތައް ތަފާތުވެފައިވާ ކަމަށެވެ. އަދި މާލީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކުގެ އަސަރު އާމްދަނީގެ ގޮތުން މެދުފަންތީގެ އާއިލާތަކަށް ވަރަށް ބޮޑަށް ކުރެވޭ ކަމަށާއި އެހެންވެ، މިއަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައިވަނީ އެކަމަށް ކަމަށް ވިދާޅުވިއެވެ.

އިމްތިޠާއު ވިދާޅުވީ މިއަހަރުގެ އިންޒެކްގައި ޒަމާނީ މުޖުތަމަޢުގައި ފަގީރުކަން ދިމާވާ ސަބަބުތަކާއި ސިފަތަކަށް ބަލާލެވޭނެ ކަމަށާއި އެކި މުއައްސަސާތަކާއި ޒަކާތު ހައުސްއާއި ޕްރައިވެޓް ސެކްޓަރ އަދި ސިވިލް ސޮސައިޓީތައް ގުޅިގެން އެކަމަށް ގެނެވޭނެ ހައްލުތަކާބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ. އެގޮތުން، އެކި ޤައުމުތަކުގައި ފަގީރުކަން ނައްތާލުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ބައިނަލްއަގުވާމީ އެކި ތަޖުރިބާތައް، ފަގީރުކަން ނައްތާލުމުގެ އެކި ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ދިވެހިރާއްޖޭގެ ކޮންޓެކްސްޓަށް ތިރިކުރެވޭނެ ގޮތްތަކާ މެދުގައި އިރާދަކުރެއްވިއްޔާ ދީނީ ޢިލްމުވެރިންނާއި ޕޮލިސީ މޭކަރުންނާއި އަދި ޒަކާތުގެ އެޑްމިނިސްޓްރޭޓަރުންނާއި އަދި އެ ނޫންވެސް ކަމާބެހޭ މާހިރުން އިރާދަކުރެއްވިއްޔާ ވަރަށް ޝައުގުވެރި، ޢިލްމީ މައުލޫމާތުތަކެއް ފޯރުކޮށްދެމުން ދާނެ،" އިމްތިޠާއު ވިދާޅުވިއެވެ.

މިއަހަރުގެ ކޮންފަރެންސްގައިވެސް ޒަކާތުގެ ދާއިރާގައި ފާހަގަކޮށްލެވޭ 3 ބޭފުޅުން ކީނޯޓް ސްޕީޗް ދެއްވާނެ ކަމަށް އިމްތިޠާއު ވިދާޅުވިއެވެ. އެއީ ސެންޓަރ އޮފް އެކްސެލެންސް އިސްލާމިކް ސޯޝަލް ފައިނޭންސް، އިންސިފް ޔުނިވަރސިޓީގެ ޑައިރެކްޓަރ ޕްރޮފެސަރ އާމިރު ބުނު ޝަހުރުއްދީނާއި މެލޭޝިއާގެ ސައިންސް އިސްލާމް ޔުނިވަރސިޓީގެ އިސްލާމިކް ސޯޝަލް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ އެސޯސިއޭޓް ޕްރޮފެސަރ ޑރ. ފުއާދާ ބިންތި ޖައުހަރީގެ އިތުރުން މެލޭޝިއާގައި ޒަކާތުގެ ދާއިރާގައި ކުރިއަރާފައިވާ ކެޑާ ސްޓޭޓްގެ ޒަކާތު ބޯޑުގެ ޑެޕިއުޓީ ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ ޔޫސުފް ބިން އަހުމަދެވެ.

މީގެ އިތުރުންވެސް ޒަކާތާއި ސޯޝަލް އިންކްލޫޝަނާއި އިސްލާމިކް ސޯޝަލް ފައިނޭންސާއި ސޯޝަލް އެމްޕަވަމަންޓް ދާއިރާގެ ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

އިމްތިޠާއު ވިދާޅުވީ މިއަހަރުގެ ކޮންފަރެންސްގެ އަމާޒަކީ ޒަކާތުގެ ދާއިރާ ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އިސްތިރާޖީ ޕްލޭނުގައިވާ ކަންކަން ހާސިލްކުރުމަށް މައުލޫމާތު ބަދަލުކުރުން ކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު ފަގީރުންގެ ދަފްތަރުގައި 2000 އެއްހާ މީހުން ތިބިއިރު އެ އަދަދު މަދުކުރުމަކީ އަމާޒު ކަމަށްވެސް ވިދާޅުވިއެވެ.