ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން އެކަޑަމީތަކުގެ ކުޅުންތެރިންނަށް ކުރިއަށްގެންދިޔަ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕްގެ ސަބަބުން ޒުވާން ކުޅުންތެރިންގެ ހުނަރުތައް ތަރައްޤީވެގެންކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދެއެވެ. މިމުބާރާތަކީ ޒުވާން ކުޅުންތެރިން އުފެއްދުމަށް އެސޯސިއޭޝަނު ހިފާފައިވާ އަމާޒުގެ ދަށުން ކާމިޔާބުކަމާއެކު ނިންމާލި މުބާރާތެކެވެ.

މިމަހުގެ މިމަހުގެ 19 އިން 26 ގެ ނިޔަލަށް ސިންތެޓިކް ނެޓްބޯޅަ ކޯޓުގައި ކުރިއަށްގެންދިޔަ މިމުބާރާތުގައި ހަތަރު އުމުރުފުރާއަކުން 25 ޓީމުވަނީ ވާދަކޮށްފައެވެ. ހަފްތާގެ ބަންދު ދުވަސްތަކުގައި މެޗުތަކުގެ ކުޅުން ކުރިއަށް ގެންގޮސްފައިވާއިރު، މޫސުމުގެ ސަބަބުން ބައެއް މެޗުތައް ޝެޑިއުލާ އެއްގޮތަށް ނުދިއުމުން ފިޔަވާ އެއްވެސް ހުރަހެއްނެތި މުބާރާތްވަނީ ވަރަށް ފުރިހަމަކަމާއެކު ނިންމާލާފައެވެ.

ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް: ޒުވާން ކުޅުންތެރިންނަށް ލިބޭ ފަހި ފުރުސަތެއް
ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް: ޒުވާން ކުޅުންތެރިންނަށް ލިބޭ ފަހި ފުރުސަތެއް

ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕްގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް ނިއުސް

ޒުވާން ކުޅުންތެރިންގެ ހުނަރުތައް ފާހަގަވެގެންދާ މިމުބާރާތުގެ ކޮންމެ މެޗަކީވެސް ފޯރިގަދަ މެޗެއްގެ ގޮތުގައި ފާހަގަވިއެވެ. ކުޅުންތެރިންނެކޭ އެއްގޮތަށް މެޗުތައް ބަލާލަންވަންނަ ފަރާތްތަކުގެ ތަރުހީބުވެސް އެހާމެ ގަދައެވެ. މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުތައް ހޯމަދުވަހުގެރޭ ނިންމާލާފައިވާއިރު 17 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެން ސްޕޯޓްސް އެކަޑަމީއެވެ. އަދި ފިއޯންތީ ސްޕޯޓްސް އެކަޑަމީއިން ރަނަރަޕްކަން ހޯދިއިރު، އެޓީމުގެ ތާރާ އަލީނާ ޝިފާހް ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނެފައިވަނީ މިމުބާރާތަކީ ކޮންމެ އަހަރަކުވެސް އެކަޑަމީތަކުގެ ކުދިން އިންތިޒާރުކުރާ މުހިންމު މުބާރާތެއްކަމަށެވެ.

"މިބާރާތުން ކޮންމެ އަހަރަކުވެސް ވަރަށް ބައިވަރު ކުދިންނަށް ސްކިލްސް ޑެވެލޮޕް ކުރުމަށާ އެކްސްޕީރިއަން ހޯދުމަށް އެހީވޭ. އެކި އުމުރުފުރާތަކުން މިމުބާރާތް ކުރިއަށްދާއިރު މިއީ އެކަޑަމީތެރޭ ކުދިންގެ ބަދަހިވެސްވާ ކަމެއް. ކޮންމެ އަހަރަކުވެސް ލުކްފޯވަޑް ކުރެވޭ މުބާރާތެއް މިއީ" ޒުވާން ކުޅުންތެރިޔާ ބުންޏެވެ.

ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް: ޒުވާން ކުޅުންތެރިންނަށް ލިބޭ ފަހި ފުރުސަތެއް
ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް: ޒުވާން ކުޅުންތެރިންނަށް ލިބޭ ފަހި ފުރުސަތެއް

ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕްގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް ނިއުސް

ތާރާ ފަދައިން ފާތިމަތު ޒޯޔާ ހަސަން ސައީދުވެސް ގަބޫލުކުރާގޮތުގައި މިފަދަ ޖޫނިއާ މުބާރާތްތައް ގިނައިން އިންތިޒާމުކުރުމަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް މުހިންމު ތަޖުރިބާއެކެވެ. އަދި މުބާރާތުގެ އިންތިޒާމުތަކާ މެދުވެސް ވަރަށް ހިތްހަމަޖެހޭކަމަށާ މިފުރުސަތުގައި އޭނާގެ ޓީމުގެ ކޯޗުންނާއި ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާ އެހީތެރިކަން ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރުއަދާކުރާކަމަށްވެސް 17 އަހަރުންދަށުގެ ޗެމްޕިއަން ޓީމަށް ނިސްބަތްވާ ޒޯޔާވަނީ ބުނެފައެވެ.

"އަޅުގަނޑު ދެކޭގޮތުގައި އަސްލު ވަރަށް ރަނގަޅަށް ދިޔަ މުބާރާތެއް. ވާރެޔާ ހެދި މެޗުތައް ޕޯސްޓްޕޯން ވިޔަސް އޮގަނައިޒިންގެ ކަންކަންވެސް ދިޔައީ ވަރަށް ރަނގަޅަށް. މެޗުތައް ވަރަށް ގަޑިއަށް ފެށުނު. ޓައިމްޓޭބަލްވެސް ކުރިން ބައިގައި ލިބުނު. އެހެންވީމަ އެއީ ވަރަށް ފަސޭހަވިކަމެއް" ޒޯޔާ ބުންޏެވެ.

ބީއެމްއެލް 4ވަނަ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕްގެ 17 އަހަރުންދަށުގެ ޗެމްޕިއަން ޓީމަކީ އެން ސްޕޯޓްސް އެކަޑަމީއެވެ. 15 އަހަރުންދަށުގެ ޗެމްޕިއަން ފިއޯންތީ ސްޕޯޓްސް އެކަޑަމީއިން ހޯދިއިރު، 13 އަހަރުންދަށުގެ ތަށި ހިއްލާލީ އެން ސްޕޯޓްސް އެކަޑަމީއެވެ. އަދި 11 އަހަރުންދަށުގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ އެން ސްޕޯޓްސް އެކަޑަމީއެވެ.