އަންނަ ޑިސެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ސިކްސް ކިންގްސް ކަޕްގައި ވާދަކުރާނެކަމަށް ޔަނިކް ސިނާ ބުނެފިއެވެ.

އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ސިނާ ވަނީ ކުރިން މި މުބާރާތުގައި ވާދަނުކުރާނެކަމަށް ބުނެފައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކުރިން މި މުބާރާތް ބޭއްވުމަށް އޮތް ތާރީޚު މިހާރުވަނީ ޑިސެމްބަރު މަހަށް ފަސްކޮށްފައެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އިޓަލީގެ ޔަނިކް ސިނާ މި ފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު އޭނާ ވަނީ މީގެ ކުރިން ދެ ފަހަރު މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މިދިޔަ ޖުލައި މަހު ނިމިގެންދިޔަ ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކުރުމަށްފަހު ސިނާ އަދި ވާދަވެރި މުބާރާތެއްގައި ވާދަކޮށްފައެއް ނުވެއެވެ.

މި އޮކްޓޯބަރ މަހުގެ 21 އިން 24 އަށް ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް މި މުބާރާތަކީ އެޓީޕީގެ މުބާރާތެއް ނޫނެވެ. ފުރަތަމަ އިއުލާންކުރި ތާރީޚުގައި ނުކުޅޭނެކަން ސިނާ އިއުލާން ކޮށްފައިވަނީ މި މަހުގެ ތެރޭގައެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށްފައިވަނީ މުބާރާތް ފަސް ކުރުމާއި ގުޅިގެންނެވެ.

ހޫތީން ސައުދީގެ އެއަރޕޯޓަކަށް ދިން ހަމަލާގައި 13 މީހުން މަރުވުމާއި ގުޅިގެން އެ ގައުމުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއްވަނީ ކޮށްފައެވެ. ސިކްސް ކިންގްސް ކަޕްގެ އިތުރުން ގޮލްފް އޭޝިޔަން ޓުއާ ފަސްކޮށްފައިވާއިރު ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޑަކާރ ރެލީ ވަނީ ސައުދީގައި ނުބާއްވާ ގޮތަށް ނިންމާފައެވެ.

ސިކްސް ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދާ ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 6 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާއިރު ސިނާ މީގެ ކުރީގެ ދެ މުބާރާތްވެސް ކާމިޔާބުކޮށްފައިވަނީ ސްޕެއިންގެ ކާލޯސް އަލްކަރާޒް ބަލިކުރުމަށްފަހުގައެވެ.