ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަލަށް ހެރީ ކޭން ހޮވައި ބަލަންޑޯ އެވޯޑް ދީފި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި އޮތް އެވޯޑް ހަފުލާގައި އޭނާ އަށް މި އެވޯޑް ހަވާލުކޮށްދިނީ ބްރެޒިލަށް 2 ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން މަޝްހޫރު ފޯވާޑް ރޮނާލްޑޯ އެވެ. އޭނާ އަކީ އެންމެ ޒުވާން އުމުރުގައި ބަލަންޑޯ ހާސިލްކުރި ކުޅުންތެރިޔާ އެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އިންޓަމިލާނުގެ ކުރީގެ ފޯވަޑް ވަނީ ބާސެލޯނާ އާއި އިންޓަމިލާނުގައި ދެ ފަހަރު ބަލަންޑޯ ހާސިލްކޮށްފަ އެވެ. މިއާއެކު އެވޯޑް ދިނުމުގެ ކުރިން ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރާ ގުޅޭ ހާއްސަ ވީޑިއޯއެއްވެސް ދެއްކި އެވެ.

އެވޯޑް ލިބުމަށްފަހު ކޭން ބުނީ އޭނާ މިހުރީ ބުނާނެ އެއްޗެއް ނޭނގިފައި ކަމަށެވެ.

"މިތަނުގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން އެބަތިބި. އެވޯޑްތައް ހާސިލްކުރި ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔަން. ކަމެއް ހާސިލްކުރެވޭނީ ވަރަށް ބުރަ މަސައްކަތުން،" ކޭން ބުންޏެވެ.

އޭނާ ވަނީ ސޯޝަލް މީޑިއާ އާއި އެނޫން ގޮތްގޮތުން އޭނާ އަށް ތަރުހީބުދިން އެންމެނާއި ކުރީގެ ކުލަބު ޓޮޓެންހަމަށާއި އޭނާގެ އަންހެނުންނާއި އާއިލާ އާއި ހުރިހާ ކޯޗުންނާއި މިހާރުގެ ކުލަބު ބަޔާން މިއުނިކްގެ ކުޅުންތެރިންނާއި ހުރިހާ އޮފިޝަލުންނަށް ޝުކުރު އަދާކޮށްފަ އެވެ.

"ހާއްސަކޮށް އިނގިރޭސި ގައުމީ ޓީމަށް ޝުކުރު އަދާކުރަން. ގައުމުގެ ކެޕްޓަންކަން ކުރަން އަހަރެންނަށް ފުރުސަތު ދިނީތީވެ. އެއީ ފަހުރެއް. އެންމެ ފުރިހަމަނޫނަސް އަހަރުމެންނަށް މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް. މި ކާމިޔާބީއަކީ ތިޔަ ހުރިހާ އެންމެންގެ މަސައްކަތް. (އިނގިރޭސި ކޯޗު) ތޯމަސް ޓުޗެލް އާއި ކޯޗިން ސްޓާފުން އަދި ލީޑަރޝިޕުން ކުރި މަސައްކަތް. ޓޮޓެންހަމުން އަހަރެން މީހަކަށް ނުހެދިނަމަ މި ހިސާބަށް ނާދެވުނީސް،" ކޭން ބުންޏެވެ.

ބަލަންޑޯ އެވޯޑް ހެރީ ކޭނަށް
ބަލަންޑޯ އެވޯޑް ހެރީ ކޭނަށް

ކޭން ބަލަންޑޯ އެވޯޑާއެކު

އޭނާ ވަނީ ވަރަށް ހާއްސަކޮށް އަންހެނުންނަށް ޝުކުރު އަދާކޮށްފަ އެވެ.

"އަހަރެންގެ އަންހެނުންނަކީ އަހަރެންގެ ބެސްޓް ފްރެންޑް. އޭނާއާ ނުލައި މިކާމިޔާބީ ނުހޯދޭނެ. އޭނާގެ ބުރަ މަސައްކަތާއި އަހަރެންގެ ދަރިންނަށް ޝުކުރު އަދާކުރަން. އަންހެނުންގެ ހިތްވަރާއި އޭނާގެ މަސައްކަތް އަހަރެން ބަލައިގަންނަ. އަހަރެން މިހާރު ވެސް ހަނދާން ހުރޭ އޭނާ އަހަރެންގެ ސަޕޯޓަރަކަށް ހުރި ހަނދާން. އޭނާ ދެކެ ވަރަށް ލޯބިވޭ. މިރޭ މި ހާސިލްވީ އަހަރެންގެ ވަރަށް ބޮޑު އުއްމީދެއް،" ކޭން ބުންޏެވެ.

ބަލަންޑޯ އެވޯޑަށް ކޭންއާ ވާދަކުރީ މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާ ޕީއެސްޖީގެ އޮސްމާނޭ ޑެމްބެލޭ އާއި މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އާއި ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާ ޕީއެސްޖީގެ ކްވީޗާ ކްވަރަސްކޭލިޔާ އާއި ބާސެލޯނާގެ ލަމީން ޔަމާލް އާއި ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާ ބާސެލޯނާގެ ރޮޑްރީ އާއި ރެއާލް މެޑްރިޑްގެ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ރެކޯޑް އަދަދަކަށް ބަލަންޑޯ ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ބަޔާން މިއުނިކަށް ކުޅޭ ފްރާންސްގެ މައިކަލް އޮލީސޭގެ އިތުރުން ޕީއެސްޖީގެ ސްޕޭން މިޑްފީލްޑަރު ފަބިއަން ރުއިޒް އެވެ.