ހުސްވި ސީޒަނުގެ އެންހެން އެންމެ މޮޅު ކުޅުންތެރިއަކަށް ބާސެލޯނާ އާއި ސްޕޭނުގެ މިޑްފީލްޑަރު އެލެކްސިއާ ޕުޓެޔާސް ހޮވައި ބަލަންޑޯ އެވޯޑް ދީފި އެވެ.
މިއީ އޭނާ މި އެވޯޑް ހާސިލް ކުރި ތިން ވަނަ ފަހަރެވެ. ޕުޓެޔާސް ވަނީ 2021 އަދި 2022ގައި ވެސް މި އެވޯޑް ހާސިލް ކޮށްފަ އެވެ.
ބޮޑު އަނިޔާއަކުން އަރައިގަތުމަށްފަހު ފުލް ފިޓްނަސް އަށް ޕުޓެޔާސް އަށް އާދެވުނީ ހުސްވި ސީޒަނުގަ އެވެ. މިއަށްފަހު އޭނާ ވަނީ ހުސްވި ސީޒަނުގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ގޮތުން ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ބާސެލޯނާގެ ކެޕްޓަނަކީ އޭނާ އެވެ. އުމުރުން 33 އަހަރުގެ ޕުޓެޔާސް ހުސްވި ސީޒަނަށް ފަހު މިހާރު ކުޅެމުންދަނީ އިނގިރޭސި ކުލަބު ލަންޑަން ސިޓީ ލަޔޮނަސް އަށެވެ.
ބަލަންޑޯ އެވޯޑް އޭނާ އަށް ހަވާލު ކޮށްދިނީ 2001 ވަނަ އަހަރުގެ ބަލަންޑޯ އެވޯޑް ހާސިލްކުރި އަދި ލިވަޕޫލާއި ރެއާލް މެޑްރިޑްގެ އަދި އިނގިރޭސި ކުރީގެ ފޯވަޑް މައިކަލް އޮވެން އެވެ.
އެވޯޑް ލިބިގަތުމަށްފަހު އޭނާ ވަނީ ބާސެލޯނާ އާއި އެ ޓީމުގެ ކުޅުންތެރިންނާއި ސްޕޭނުގެ ކުޅުންތެރިންނާއި ކޯޗިން ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ. މިއީ ވަރަށް ބޮޑު އުފަލެއް އަނެއްކާ ވެސް. އަހަރެންނަށް މި އިނާމް ލިބެން ޖެހޭ ކަމަށް ގަބޫލުކުރި އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަހަރެން މިހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. މިއިނާމަށް ނޮމިނޭޓްވި ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔަން. އަދި އަހަރެންގެ ޓީމް މޭޓުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޕުޓޭޔާސް ބުންޏެވެ.
އޭނާ ބުނީ 2023 ވަނަ އަހަރު ކުރިމަތިވި އަނިޔާއިން ރަނގަޅު ވެގެން އެނބުރި އައިސް، ތިން އަހަރު ފަހުން މި އެވޯޑް އަލުން ލިބުމަކީ ހާއްސަ ކަމެއް ކަމަށެވެ.
"ޓީމެއްގެ ގޮތުގައި އަހަރުމެން ހާސިލް ކުރީ ވަރަށް ބޮޑު ކާމިޔާބީއެއް. ޓީމެއްގެ ކެޕްޓަންކަން ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫން. ދެން މި ކާމިޔާބީއާ ހަމައަށް މިއާދެވުނީ އަމިއްލަ ނަފްސަށް ވެސް ވަރަށް ބޮޑަށް އިތުބާރު ކޮށްގެން. އެހާ ފަސޭހަ ކަމެއްނޫން އަނިޔާއިން އަރައިގަތުމަކީ. ދުނިޔޭގެ އެތަން މިތަނުގައި ތިބި ހުރިހާ އަންހެން އަދި ފިރިހެން ކުޅުންތެރިން ފުޓްބޯޅަ ކުޅެން ލޯބިކުރާނަމަ އެމީހަކު ނިސްބަތްވާ ތަނެއް ނުބަލައި، މީހުން ކިޔާ އެއްޗަކަށް ނުބަލައި އަމިއްލަ އިތުބާރާއެކު ކުރިއަށްދާން ޖެހޭނެ،" ޕުޓެޔާސް ބުންޏެވެ.
އަންހެން މޮޅު ކުޅުންތެރިއަކަށް ބާސެލޯނާގެ ޕުޓެޔާސް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed