ދުނިޔޭގެ އެންމެ މޮޅު އަންހެން ގޯލްކީޕަރަކަށް ބާސެލޯނާ އާއި ސްޕޭނުގެ ކީޕަރު ކަޓަ ކޯލް އަދި އެންމެ މޮޅު ފިރިހެން ކީޕަރަކަށް ސްޕޭނާއި އެތްލެޓިކް ކުލަބުގެ ކީޕަރު އުނާއީ ސިމޮން ހޮވައިފި އެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި ބަލަންޑޯ އެވޯޑް ހަފުލާގައި މި ދެ ކީޕަރުންނަށް އިނާމް ހަވާލު ކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑާއި ޑެންމާކުގެ ކުރީގެ މޮޅު ކީޕަރު ޕީޓަ ޝުމައިކަލް އެވެ.
މީގެ ތެރެއިން ސިމޮން އަކީ ޖުލައި މަހު ނިމުނު ވޯލްޑް ކަޕް ސްޕޭނަށް ކާމިޔާބު ކޮށްދިން ކީޕަރެވެ. ކުލަބުގައި މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް އޭނާ އަށް މި އެވޯޑް ލިބުމުގެ މައިގަނޑު ސަބަބަކީ ވެސް ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.
މި އެވޯޑަށް ސިމޮންއާ ވާދަކުރީ ސްޕޭނުގެ ދެ ކީޕަރުން ކަމަށްވާ އާސެނަލްގެ ޑޭވިޑް ރާޔާ އާއި ބާސެލޯނާގެ ޖޯން ގާސިއާ އާއި ވޯލްޑް ކަޕް ފައިނަލް ކުޅުނު އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އެވެ.
އެވޯޑް ލިބިގަތުމަށްފަހު އޭނާ ޝުކުރު އަދާކުރީ މައިންބަފައިންނަށެވެ.
"ބަޔަކާ ނުލައި މިފަދަ އިނާމެއް ނުލިބޭނެ. އަހަރެންގެ މައިންބަފައިންނާއި އަހަރެންގެ ބޭބެ އަހަރެން މިހިސާބަށް ގެނެސްދީ އަގުހުރި ރަނގަޅު ސިފަތައް ދަސްކޮށްދިނީ. އަހަރެންގެ ލޯބިވެރިޔާ ވެސް މުހިންމު ދައުރެއް އަދާކުރި،" ސިމޮން ބުންޏެވެ.
މިއަށްފަހު އޭނާ ވަނީ ސްޕޭނުގެ ކުޅުންތެރިންނާއި ކޯޗާއި އޮފިޝަލުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އަންހެން މޮޅު ކީޕަރުގެ މަގާމު ހޯދި ސްޕޭނާއި ބާސެލޯނާގެ ކީޕަރު ކަޓަ ކޯލް އަށް އޭނާ ތައުރީފް ކުރި އެވެ.

އެންމެ މޮޅު އަންހެން ކީޕަރުގެ އިނާމް ކަޓާ ކޯލް ހޯދީ އަނާ ކަޓްރިން އާއި އިނގިރޭސި ކީޕަރު ހަނާ ހެމްޕްޓަން، އަދި ޖަޕާންގެ އަޔާކާ ޔަމަޝީތާ ފަހަތަށް ޖައްސާލައިފަ އެވެ.
އެވޯޑް ލިބިގަތުމަށްފަހު އޭނާ ބުނީ އުނާއީ ސިމޮންއާއެކު މޮޅު ކީޕަރުގެ އެވޯޑް ލިބުމަކީ ނުހަނު ބޮޑު ޝަރަފެއް ކަމަށެވެ.
"މިއަށްވުރެ ވަކި ބޮޑު ޝަރަފެއް ނެތް. އަހަރެންގެ ގައުމުގެ ގައުމީ ޓީމަށް ގައުމީ ކީޕަރުކަން ކުރަން އަހަރެންނަށް ފުރުސަތު ދޭތީވެ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ އިންޑިވިޖުއަލް އެވޯޑެއް. އެކަމަކު ޓީމް މޭޓުންނާ ނުލައި މި ކާމިޔާބީއާ ހަމައަށް ނުދެވޭނެ. މިހެންވެ އަހަރެން ޝުކުރު އަދާކުރަން،" ކޯލް ބުންޏެވެ.
ކަޓަ ކޯލް އަކީ ހުސްވި ސީޒަނުގައި ބާސެލޯނާއިން ހަތަރު ތަށި ހޯދިއިރު މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ ހުސްވި ސީޒަނުގައި ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަ ކަޕާއި ކޮޕާ ޑެލްރޭ އާއި ޗެމްޕިއަންސް ލީގް ބާސެލޯނާ އަށް ކާމިޔާބު ކޮށްދީފަ އެވެ.