ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ސްޕޭނުގެ ލުއިސް ޑެލަފުއެންޓޭ އަށް ދީފި އެވެ.

ލަންޑަނުގައި ބޭއްވި ބަލަންޑޯ އެވޯޑް ހަފުލާގައި އޭނާ އަށް ކޯޗުގެ އެވޯޑް ހަވާލު ކޮށްދިނީ އިންޓަ މިލާނަށް ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ލިވަޕޫލާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ކޯޗު ރަފާ ބެނީޓޭޒް އެވެ.

މިއިނާމަށް އޭނާއާ ވާދަ ކުރީ ހުސްވި ސީޒަނުގައި އާސެނަލް އަށް އިނގިރޭސި ލީގު ކާމިޔާބު ކޮށްދިން މިކޭލް އާޓެޓާ އާއި ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އެވެ.

އެވޯޑް ލިބުމުން ސްޓޭޖުގައި ހުރެ ޑެލަފުއެންޓޭ ބުނީ މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އެންމެ މޮޅު ތިން ކޯޗުގެ ތެރޭގައި ހިމެނުމަކީ ވެސް ޝަރަފެއް. އަހަރެން ބޭނުންވަނީ މި އިނާމަށް އަހަރެންނާ ވާދަކުރި ކޯޗުންނަށް ޝުކުރު އަދާކުރަން. އެ މީހުން ވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި،" އެންމެ ފަހުގެ ޔޫރޯ ވެސް ސްޕޭނަށް ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ މި ކާމިޔާބީ ލިބުމުން ޝުކުރު އަދާކުރަން ބޭނުންވަނީ ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނަށް ކަމަށެވެ.

"(ކާމިޔާބީގެ) ސިއްރަކީ މޮޅު ކުޅުންތެރިންނާއެކު މަސައްކަތް ކުރަން ލިބި ވަރަށް އެކުވެރިކަމާއެކު މަސައްކަތް ކުރެވުން. އަދި ވަކިވަކި ކުޅުންތެރިންނަށްވުރެ އަބަދުވެސް ޓީމުގެ މަސްލަހަތު އިސްކުރެވުން،" ޑެލަފުއެންޓޭ ބުންޏެވެ.

އެންމެ މޮޅު ކޯޗުގެ އެވޯޑް ޑެލަފުއެންޓޭއަށް
އެންމެ މޮޅު ކޯޗުގެ އެވޯޑް ޑެލަފުއެންޓޭއަށް

ބާސެލޯނާގެ ކޯޗު ޕެރޭ ރޮމެއު އެވޯޑާއެކު

ދުނިޔޭގެ އެންމެ މޮޅު އަންހެން ކޯޗުގެ މަގާމަށް ހޮވުނީ ބާސެލޯނާގެ ޕެރޭ ރޮމެއޫ އެވެ.

އެވޯޑް ހަފުލާގައި އޭނާ އަށް ވެސް ކޯޗުގެ އެވޯޑް ހަވާލު ކޮށްދިނީ ލިވަޕޫލަށް 2004 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ރެއާލް މެޑްރިޑް އަދި އިންޓަމިލާނުގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒް އެވެ.

އެވޯޑް ލިބުމަށްފަހު ރޮމެއު ބުނީ މި ކާމިޔާބީގެ ހައްގުވެރިންނަކީ ބާސެލޯނާގެ ކުޅުންތެރިންނާއި މެނޭޖްމަންޓް ކަމަށެވެ.

"މި ކާމިޔާބީ ލިބުމުން ވަރަށް އުފާވެއްޖެ. ހުރިހާ އެންމެނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. ދެން އަހަރެންނަށް އިހުސާސް ކުރެވެނީ މިއީ ކަލެކްޓިވް ކާމިޔާބީ އެއް ކަމަށް. އަހަރުމެންގެ އޮތީ ވަރަށް މޮޅު ކުޅުންތެރިން ހިމެނޭ ވަރަށް މޮޅު ޓީމެއް. އެކުގައި އަހަރުމެން ވަނީ ވަރަށް ގިނަ ތަށިތައް ހޯދާފައި. މިދިޔަ ސީޒަނުގައި އޮތް ޓީމާއި ކުޅުންތެރިންނާ މެދު އަހަރެން ވަރަށް ފއުފާކުރަން،" ރޮމެއު ބުންޏެވެ.

ރޮމެއު ވަނީ ހުސްވި ސީޒަނުގައި ބާސެލޯނާ އަށް ހަތަރު ތަށި ހޯދައިދީފަ އެވެ. އެއީ ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަ ކަޕާއި ކޮޕާ ޑެލްރޭ އާއި ޗެމްޕިއަންސް ލީގެވެ.