ތިން ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ބާސެލޯނާ އާއި ސްޕޭނުގެ ފޯވަޑް ލަމީން ޔަމާލަށް ދީފި އެވެ.

ލަންޑަނުގައި ބޭއްވި ބަލަންޑޯ އެވޯޑް ހަފުލާގައި އޭނާ އަށް މި އިނާމް ހަވާޅު ކޮށްދިނީ 2004 ވަނަ އަހަރުގެ ބަލަންޑޯ ހާސިލް ކުރި ޔުކްރޭނުގެ ކެޕްޓަން އަންދްރޭ ޝެވްޗެންކޯ އެވެ. އޭސީ މިލާނާއި ޗެލްސީގައި މޮޅަށް ކުޅުނު ފޯވަޑްގެ އަތުން އެވޯޑް ލިބުމަށްފަހު ޔަމާލް ބުނީ އަނެއްކާ ވެސް މި އެވޯޑް ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.

އެކަމަކު ހަފުލާގެ ޕްރެޒެންޓަރު އާސެނަލްގެ ކުރީގެ ކެޕްޓަން ތިއޭރީ އޮންރީ މިއީ އޭނާ އެންމެ ހާސިލް ކުރަން ބޭނުންވާ އެވޯޑްތޯ އެހުމުން 19 އަހަރުގެ ފޯވަޑް އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށްދޭ ބަލަންޑޯ އެވޯޑަށް ވާދަކުރި ޔަމާލް ބުނީ އެވޯޑްތައް ހާސިލް ކުރުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ޝަރަފެއް މިތަނަށް އައިސް އެވޯޑްތައް ލިބުމަކީ. އަހަރެން ވަރަށް އުފާވީސް މިރޭ މިތަނުގައި (ބާސެލޯނާ އާއި ސްޕޭނުގެ ޑިފެންޑަރު ޕައު) ކުބަރްސީ ހުރިނަމަ. އަހަރެން ދެކޭ ގޮތުގައި މިއިނާމް (މިފަހަރު) ހައްގުވަނީ އޭނަ އާށް. އޭނާ (ވޯލްޑް ކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިތާގެ މަގާމު ހޯދި ކުބްރްސީ) ވަނީ ވަރަށް މޮޅަށް ކުޅެފައި. މިއީ އަހަރެންނަށް މި އިނާމް ލިބުނު ތިން ވަނަ ފަހަރު،" ޔަމާލް ބުންޏެވެ.

ޔަމާލް ވަނީ ހުސްވި ސީޒަނުގައި ބާސެލޯނާ އަށް ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަ ކަޕް އަދި ސްޕޭނަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފަ އެވެ.

3ވަނަ ފަހަރަށް ޒުވާން ކުޅުންތެރިޔާގެ މަގާމު ޔަމާލަށް
3ވަނަ ފަހަރަށް ޒުވާން ކުޅުންތެރިޔާގެ މަގާމު ޔަމާލަށް

ވިކީ ލޮޕޭޒް އެވޯޑާއެކު

އަންހެން ޒުވާން ކުޅުންތެރިޔާގެ އިނާމް ވިކީ ލޮޕޭޒަށް

ދުނިޔޭގެ އެންމެ މޮޅު ޒުވާން އަންހެން ކުޅުންތެރިޔާގެ މަގާމު ލިބުނީ ބާސެލޯނާގެ ވިކީ ލޮޕޭޒަށެވެ. އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ އަކީ ހުސްވި އަހަރު ވެސް މިއިނާމް ހާސިލް ކުރި ކުޅުންތެރިޔާ އެވެ. އިނާމް ލިބިގަތުމަށްފަހު އޭނާ ވެސް ބުނީ މި އިނާމް ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.

"މިއިނާމް ނުލިބޭނެ އަހަރެންގެ ޓީމުގެ ކުޅުންތެރިންނާ ނުލައި. އެ މީހުންނާއި އަހަރެންގެ މަންމަ ހިތްވަރު މިއީ. އަހަރުމެން އެކުއެކީގައި އިތުރަށް ކުރިއަށްދާނަން،" ވިކީ ބުންޏެވެ.

ވިކީ އަކީ ހުސްވި ސީޒަނުން ފެށިގެން ބާސެލޯނާގައި މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ހުސްވި ސީޒަނުގައި ބާސެލޯނާގެ އަންހެން ޓީމު ހަތަރު ތަށި ކާމިޔާބުކުރިއިރު ވިކީ އަކީ ބެންޗުން އަރައި މުހިންމު ރޯލެއް ކުޅުނު ކުޅުންތެރިއެކެވެ. އަދި އެއަށްފަހު ސީނިއާ ކުޅުންތެރިން ކުލަބު ދޫކޮށްލުމުން މި ސީޒަނުގައި އޭނާ ކުލަބުގައި އަދާކުރާ މަގާމު ވަނީ މުހިންމުވެފަ އެވެ.