ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ދެވަނަ ދުވަހުވެސް އާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބި، ގިނަ އަދަދެއްގެ ބަޔަކު އެކްސްޕޯއަށް ޒިޔާރަތްކޮށްފިއެވެ.
މައުރަޒުގެ ދެވަނަ ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކްސްޕޯގެ މުހިންމު ތިން ޑިސްޓްރިކްޓަކަށް ވަޑައިގެން، އެ ތަންތަން ބައްލަވާލައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޑިޖިޓަލް އެންޑް އިނޮވޭޝަން ޑިސްޓްރިކްޓާއި، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް އަދި މާކެޓް ޕްލޭސްއެވެ. މި ޑިސްޓްރިކްޓްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި ބައިވެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި މައުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.

މިއަދުވެސް އެކްސްޕޯ ކުރިއަށްދާ ސަރަޙައްދަށް ގިނަ އަދަދެއްގެ އާއިލާތަކާއި ޒުވާނުން ޖަމާވެ، އެކި ސްޓޯލްތަކުގައި ހުރި ދިވެހި އުފެއްދުންތައް ބަލައިލުމުގެ އިތުރުން ތަފާތު ހަރަކާތްތަކުގައި ވަރަށް ފޯރިއާއެކު ބައިވެރިވެފައިވެއެވެ. މުޅި މައުރަޒުގެ މާހައުލުން ފެނިގެންދިޔައީ ދިވެހިންގެ އަމިއްލަ އުފެއްދުންތެރިކަމަށް ރައްޔިތުންގެ މެދުގައި އޮތް ބޮޑު ޝައުގުވެރިކަމެވެ..
President Dr @MMuizzu and First Lady @sajidhaamohamed visit Maldives Expo 2026, engaging with participating businesses and learning more about their products, services and initiatives. The exhibition highlights the innovation and enterprise of Maldivian businesses across a range of sectors.
— The President's Office (@presidencymv)October 26, 2026
މިއަހަރުގެ މައުރަޒުގައި 7 ޑިސްޓްރިކްޓެއް ވަނީ ގާއިމުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ، މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ދައްކާލުމަށް ޚާއްޞަ ޑިސްޓްރިކްޓް، އުފެއްދުންތެރި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ޚާއްޞަ، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، މުނިފޫހިފިލުމުގެ އެކި ޙަރަކާތްތަކާއި ދިވެހި ސަޤާފީ ޙަރަކާތްތައް ދައްކާލުމަށް ޚާއްޞަ، އެންޓަރޓައިންމަންޓް ޑިސްޓްރިކްޓެވެ.
މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ އެކި ޚިދުމަތްތަކާއި ތަކެތި މާކެޓްކޮށް ވިއްކުމަށް ޚާއްޞަކޮށް ޤާއިމްކުރާ، މާކެޓްޕްލޭސް ޑިސްޓްރިކްޓް، ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތަކާއި ޚިދުމަތްތަކަށް ޚާއްޞަ، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް އަދި ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ ޚިދުމަތްތައް ދައްކާލުމަށް ޚާއްޞަ، އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓުވެސް މިއަހަރުގެ މައުރަޒުގައި ހިމެނެއެވެ.
ޖުމްލަ 9 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒު އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެގޮތުން މައުރަޒުގައި ދިވެހި އުފެއްދުންތައް ދައްކާލުމުގެ އިތުރުން ޝައުގުވެރި އެތައް ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ދިވެހިންގެ ސަގާފަތާއި ތާރީޚާ ގުޅުންހުރި ބޮޑުބެރާއި ނެށުމުގެ ފޯރިގަދަ ހަރަކާތްތަކާއި، އާއިލާތަކާއި ކުޑަކުދިން ގަޔާވާނެ ފަދަ ކުޑަކުދިންގެ ހަވީރުތައް ހިމެނެއެވެ. މިފަދަ ހަރަކާތްތަކާއެކު މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ދަނީ ލިބެމުންނެވެ..
