ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެވެ.
އެލްޖީއޭ ބޯޑަށް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އިންތިޚާބުކުރަންޖެހޭ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މި މަހުގެ 31ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. މިއިންތިޚާބުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެލްޖީއޭގެ ޑިރެކްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ އިންތިޚާބީ މަޤާމުތަކަށް ހުޅުވާލުމުން ސިޓީ ކައުންސިލުގެ މެންބަރުންގެ ތެރެއިން ނަން ހުށަހެޅުއްވީ އެންމެ މެންބަރެއް ކަމަށެވެ. އެހެންވެ އެ މެންބަރު އެލްޖީއޭގެ ބޯޑަށް އިންތިޚާބު ވެފައިވާކަމަށް ވިދާޅުވިއެވެ. އެއީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ.
ހޮނިހިރު ދުވަހު ބާއްވަނީ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އައްޔަންކުރާ މެންބަރުންގެ އިންތިޚާބުކަން ފާހަގަކުރައްވައި ޢަބްދުﷲ ރަޝީދު ވިދާޅުވީ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00އަށް ކަމަށެވެ. ވަގުތު ހަމަވާއިރު ކިޔޫގައި އިތުރު މީހުން ތިބިނަމަ ވޯޓުލުމުގެ ފުރުސަތު ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ލިބިގެންވޭ. އޭގެ ތެރޭގައި ކައުންސިލްގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށް ވޯޓުލުމުގެ ޙައްގު ލިބޭ. އެއީ 177 ރަށު ކައުންސިލާއި 5 ސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީ،" އެލްޖީއޭގެ ޑިރެކްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ޢަބްދުﷲ ރަޝީދު ވިދާޅުވީ މި އިންތިޚާބުގައި އެލްޖީއޭ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައި 19 ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. އަދި ވޯޓުފޮށިތަކުގެ ކައިރީގައި އެ އޮތޯރިޓީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށާއި އޮފިޝަލުންގެ ގޮތުގައިވެސް ތިބޭނީ ޚިދުމާތު މަރުކަޒުތަކުގެ މުވައްޒަފުންނާއި އެލްޖީއޭގެ މުވައްޒަފުން ކަމަށް ވިދާޅުވިއެވެ.
އިންތިޚާބުގެ ވޯޓުލުން ނިންމައި، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެއެވެ. ދެ އިންތިޚާބުގައި ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށާއި އިންތިޚާބުގެ ވަގުތީ ނަތީޖާ ހޮނިހިރު ދުވަހުގެ ރޭ އިއުލާންކުރާނެ ކަމަށްވެސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ޤަވާއިދުގައިވާގޮތުން 3 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާންކުރަންޖެހޭކަން ފާހަގަކުރައްވައި ޢަބްދުﷲ ރަޝީދު ވިދާޅުވީ މި އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.
އެލްޖީއޭ ބޯޑުގެ އިންތިޚާބު: ފަހުގެ ތައްޔާރީތައް ނިމިއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed