ސަޢުދީ ޢަރަބިއްޔާއަށް ޙޫޘީން ދެމުންދާ ހަމަލާތަކުން އެ ޤައުމު ދިފާޢުވުމަށް އެހީތެރިވުމަށް މިޞްރުގެ ރައީސް އަބްދުލްފައްތާޙް އަލް-ސީސީ އެދިލައްވާ ގޮތަކަށް ޢަމަލުކުރެއްވުމުގެ ޙުއްދަ ދިނުމަށް މިޞްރުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
ޤާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައި ވަނީ މިޞްރުން ސަޢުދީ ޢަރަބިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެއްކޮޅަށް ވޯޓު ދީފައެވެ. މި ނިންމުމާއެކު ސަޢުދީ ޢަރަބިއްޔާއާއި ޙޫޘީންގެ ދެމެދުގައި އޮތް ނުތަނަވަސްކަމުގެ ތެރޭގައި މިޞްރުގެ ސީދާ ބައިވެރިވުން އޮތުމަށް މަގުފަހިވާނެއެވެ.
މިޞްރާއި ސަޢުދީ ޢަރަބިއްޔާއަކީ އިޤުތިޞާދީ އަދި އިސްތިރާތީޖީ ގޮތުން ގާތް ދެ ބައިވެރިންނެވެ. ޙޫޘީންގެ ކިބައިން ދިފާޢުފުމަށް ސަޢުދީ ޢަރަބިއްޔާއިން އެހީތެރިކަމަށް އެދެފި ނަމަ އެ ޤައުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޙުއްދައަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ކިބައިން ސީސީ އެދިވަޑައިގުތުމުން، އޮކްޓޯވަރު މަހުގެ 18ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައި އޮތް ވޯޓު ވަނީ ފަސްކޮށްފައެވެ. މިޞްރުގެ ޚާރިޖީ ވަޒީރު ބަދްރު އަބްދުލްޢާޠީ އާއި ޖާސޫސީ އިސްވެރިޔާ ވަނީ ސީސީގެ ފަރާތުން ފޮނުއްވާފައިވާ ސިޓީފުޅެއް، ސަޢުދީ ޢަރަބިއްޔާގެ ވަލީއަޙްދު، މުޙައްމަދު ބިން ސަލްމާންއަށް ރައްދުކުރުމަށް ރިޔާޟަށް ދަތުރުކުރައްވައިފައެވެ. ޔަމަނަށް ހަމަލާ ދިނުމުގައި މިޞްރުން ބައިވެރިނުވާނެ ކަމަށާއި، މިޞްރުން އެހީތެރިކަން ފޯރުކޮށްދޭނީ ސަޢުދީ ޢަރަބިއްޔާގެ ދިފާޢުއަށް ކަމަށް އެ ސިޓީގައި ސީސީ ވިދާޅުވެފައިވެއެވެ. އަބްދުލްޢާޠީ ވަނީ މިޞްރުން ހިތްވަރުދެނީ މައްސަލައަށް ޚާރިޖީ ޙައްލެއް ހޯދުމަށް ކަމަށް ވެސް ވިދާޅުވެފައެވެ.
ޙޫޡީންގެ ހަމަލާތަކުގެ ސަބަބުން ބާބުލް މަންދީބު ކަނޑުއޮޅިއަށް ވެސް ވަނީ ނުރައްކާވެފައެވެ. އެ މަގަކީ ރަތް ކަނޑާއި މިޞްރުގެ ސުއޭޒް ކެނެލްއަށް ވަނުމަށް އޮންނަ މައި މަގެކެވެ. އީރާނާއި އީރާނާ ގުޅުންހުރި ޖަމާޢަތްތަކުން ގަލްފުގެ ޤައުމުތަކަށް ދެމުންދާ ހަމަލާތައް މިޞްރުން ދަނީ ތަކުރާރުކޮށް ކުށްވެރިކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ހަމަލާއެއްގައި އެ ޤައުމުން ސީދާ ބައިވެރިވެފައެއް ނުވެއެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި ޕާކިސްތާންއާއި ތުރުކީވިލާތުން ސޮއިކޮށްފައިވާ ދިފާޢީ އެއްބަސްވުމުގައި ވެސް އެ ޤައުމުން ބައިވެރިވެފައެއް ނުވެއެވެ.
މިޞްރަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އެއް ޤައުމެވެ. ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު އެއް އަސްކަރިއްޔާ ވެސް އޮންނަނީ އެ ޤައުމުގައެވެ. ޔަމަނުގެ ހަނގުރާމައިގެ ކުރީކޮޅު، 2015ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި މިޞްރުން ވަނީ ސަޢުދީ ޢަރަބިއްޔާއިން އިސްވެ އުފެއްދި ދިފާޢީ އިއްތިޙާދެއްގައި ބައިވެރިވެފައެވެ. އޭރު އެ ޤައުމުން މައިގަނޑު ގޮތެއްގައި ޙަރަކާތްތެރިވެފައި ވަނީ ރަތް ކަނޑުގެ ޝިޕިންގ މަގުތައް ހިމާޔަތް ކުރުމުގައެވެ. އޭގެ އިތުރުން 800އެއްހާ އެއްގަމު ސިފައިން ވެސް ފޮނުވާފައިވެއެވެ. ނަމަވެސް ހަމަލާ ދިނުމުގައި މިޞްރުގެ ސިފައިން ޢަދާކޮށްފައި ވަނީ ކުޑަ ދައުރެކެވެ.
ޙޫޘީންގެ އަތްދަށުގައިވާ ޔަމަނުގެ ސަރަޙައްދުގެ ޤަނޫނުހަދާ މަޖިލީހުގެ ރައީސް ޔަޙްޔާ ޢަލީ އަލް-ރާއީ ވަނީ މިޞްރުގެ ޤާނޫނުހަދާ މަޖިލީހުން ސީސީގެ ހުށަހެޅުމަށް ދެކޮޅު ހެދުމަށް ގޮވާލައި، އެ ގޮތަށް ޢަމަލު ނުކޮށްފި ނަމަ މިޞްރުގެ ޤައުމީ ސަލާމަތަށާއި ހަމަޖެހުމަށް ނުރައްކާ ވާނެ ކަމުގެ އިންޒާރު ދީފައެވެ.
ސަޢުދީއަށް ދިފާއީގޮތުން އެހީތެރިވުމަށް މިޞްރުގެ ޤާނޫނުހަދާ މަޖިލީހުން ހުއްދަ ދީފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed