"ޤަތުލުއާންމާ ގުޅޭ އިސްލާހު ޤާނޫނުލްޢުގޫބާތަށް ސަރުކާރުން ހުށަހެޅުއްވީ އެއީ ބައިނަލްއަޤްވާމީ ޤާނޫނުން ރާއްޖެއިން ކުރުން ލާޒިމްކަމަކަށްވާތީ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޤާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭގޮތުން ސައްޙަ ނޫން މައުލޫމާތު ފަތުރަމުންދާތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ހިމަނާފައިވަނީ ގާނޫނުލްއުގޫބާތަށް ގަތުލްއާންމުގެ ކުށް އިތުރުކުރުމަށެވެ. އެގޮތުން ވަކި ޤައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާޢަތަކާ ދެކޮޅަށް ޤަތުލުއާންމު ހިންގުން މަނާކުރުމަށް ވަނީ ހިމަނުއްވާފައެވެ.

މީގެ ތެރޭގައި ހިމެނެނީ ވަކި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު މެރުމާއި ވަކި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުމާއި އެފަދަ ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކަށް އެ ބަޔަކު އެކުގައި ނުވަތަ އޭގެ ތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުމުގެ އިތުރުން ޖަމާޢަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާޢަތަކަށް ބަދަލުކުރުމެވެ.

މި ބިލާ ގުޅޭގޮތުން ކުރެއްވި ޕޯސްޓުގައި ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވަނީ ޤަތުލުއާންމު އަކީ "ޖެނޮސައިޑު" ކަން ފާހަގަކުރައްވައި އެ ކުށް ހުއްޓުވުމާއި އަދަބުދިނުމާގުޅޭ ބައިނަލްއަގުވާމީ މުއާހަދާ، "ޖެނޮސައިޑް ކޮންވެންޝަން" ގައި ރާއްޖެއިން 1984ވަނަ އަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ބައިވެރިވެފައިވާކަން ފާހަގަކުރައްވާފައެވެ. އެ މުޢާހަދާގެ 5 ވަނަ މާއްދާގައި، މުޢާހަދާއަށް ޢަމަލުކުރުމަށްޓަކައި މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުން ހަދަންޖެހޭ ޤާނޫނުތައް
ހެދުމާއި، ޤަތުލުއާންމާގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.


ބަންޑާރަނައިބު ވިދާޅުވީ އެ މުއާހަދާގައި އެގޮތަށް ލާޒިމުކުރި ނަމަވެސް، 42 އަހަރު ވެގެން ދިޔައިރު ރާއްޖެއިން އެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙަކީ، ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތްވާ ގޮތުގެމަތިން ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ އިޞްލާހެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

މުސްލިމުންނާ ދެކޮޅަށް ޤަތުލްޢާންމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ޤައުމުތަކާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހިނގަމުންދާ މައްސަލަތަކެެއްގައި ރާއްޖޭން ތަދައްޚުލުވެފައިވާކަން ފާހަގަކުރައްވައި ބަންޑާރަނައިބު ވިދާޅުވީ އެފަދަ ކުށްތައް ހިންގާ ޤައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތުކޮށް، އެހެން ޤައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ރާއްޖެއިން ގޮވާލާއިރު، ރާއްޖެއިން އެ މުޢާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ރާއްޖެއިން ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކަށް އަސަރުކުރާކަމެއް ކަމަށެވެ.

ރާއްޖޭން މިވަގުތު ތަދައްޚުލުވެފައިވަނީ އައިސީޖޭގައި ކުރިއަށްދާ ގެންބިޔާ އާއި މިޔަންމާގެ މައްސަލައާއި ދެކުނު އެފްރިކާއިން ޔަހޫދީ ދައުލަތް، އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ޤަތުލުއާންމަކީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އެއީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ކުށެކެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެއެވެ.

ޤަތުލުއާންމުގެ އަމަލުތައް ކުރުމުގެ އިތުރުން އެކަންކަން ކުރުމަށް ފާޅުގައި ގޮވާލުމަކީވެސް ކުށެއްކަމަށް ކަނޑައެޅުމަށް ބިލުގައި ވަނީ ހިމަނުއްވާފައެވެ.