މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ "އެކްސެލަރޭޓިންގ ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ" (އެރައިޒް) މަޝްރޫޢުގެ ދަށުން، 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސޯލާ ޕީވީ މަޝްރޫޢު ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެރައިޒް މަޝްރޫއުގެ ދަށުން ހިންގާ 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ސޮއިކޮށްފައިވަނީ ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެންޓޭޝަން އެގްރީމަންޓްގައެވެ. އެގޮތުން، ޕަވަރ ޕަރޗޭސް އެގްރިމަންޓުގައި ސޮއިކޮށްފައިވަނީ ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީ އާއި ސްޓެލްކޯއާ ދެމެދުގައެވެ. އަދި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިނަސޯ އާއި މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާ ދެމެދުއެވެ.

މި އެއްބަސްވުންތަކުގައި ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ ޗާއޮ ޝޯމިންގްއެވެ. ތިމާވެއްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަލީ ޝަރީފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.

އެރައިޒް މަޝްރޫޢު: 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރަނީ
އެރައިޒް މަޝްރޫޢު: 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރަނީ

އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރުން/ ފޮޓޯ: މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

މި މަޝްރޫޢަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ބޭނުންކޮށްގެން "ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފަރ" އުސޫލުގެ ދަށުން 20 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ވާދަވެރި ބީލަން އުޞޫލުން ކުރިއަށްގެންގޮސް، އިންވެސްޓަރުންނަށް ހުރި ހިރާސްތައް ކުޑަކުރުމަށް ވޯލްޑް ބޭންކާއި ކްލައިމެޓް ޓެކްނޮލޮޖީ ފަންޑާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އަދި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ޚާއްސަ ރިސްކް މިޓިގޭޝަން ފްރޭމްވަރކެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ ދެ ލޮޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ލޮޓުގައި ލ. އަތޮޅުގެ 6 ރަށަކަށް 2 މެގަވޮޓް ބަހާލާފައިވާއިރު ދެވަނަ ލޮޓުގައި ސަރަހައްދީ ބޮޑެތި މަރުކަޒުތަކަށް 13 މެގަވޮޓު ވަނީ ބަހާފައެވެ.

އެރައިޒް މަޝްރޫޢު: 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރަނީ
އެރައިޒް މަޝްރޫޢު: 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރަނީ

މަޝްރޫއުގެ ލޮޓްތައް ބެހިފައިވާގޮތް

* ލޮޓް 1: (ލ. އަތޮޅު ކްލަސްޓަރ - 2 މެގަވޮޓް)
- ލ. މާމެންދޫ (0.61 މެގަވޮޓް)
- ލ. މާވަށް (0.44 މެގަވޮޓް)
- ލ. މާބައިދޫ (0.38 މެގަވޮޓް)
- ލ. ހިތަދޫ (0.3 މެގަވޮޓް)
- ލ. ކުނަހަންދޫ (0.25 މެގަވޮޓް)
- ލ. ދަނބިދޫ (0.2 މެގަވޮޓް)

* ލޮޓް 2: (ސަރަޙައްދީ ބޮޑެތި މަރުކަޒުތައް - 13 މެގަވޮޓް)
- ލ. ގަން (4 މެގަވޮޓް)
- ލ. ފޮނަދޫ (3 މެގަވޮޓް)
- ޅ. ނައިފަރު (2.3 މެގަވޮޓް)
- ގއ. ވިލިނގިލި (1.65 މެގަވޮޓް)
- ށ. ފުނަދޫ (1.25 މެގަވޮޓް)
- ލ. އިސްދޫ (0.7 މެގަވޮޓް)
- ލ. ކަލައިދޫ (0.6 މެގަވޮޓް)

ޕަވަރ ޕަރޗޭސް އެގްރިމަންޓުގައި ސޮއިކުރުން/ ފޮޓޯ: މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

މި މަޝްރޫޢާއެކު އެރައިޒް އަދި އެސްޕަޔަރ މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ ސޯލާ ހަކަތައިގެ މިންވަރު 34 މެގަވޮޓަށް އިތުރުވާނެ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޤާއިމުކުރެވިފައިވާ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީގެ 110 މެގަވޮޓްގެ 30 އިންސައްތައެވެ.

މި މަޝްރޫޢުގެ ސަބަބުން އަހަރަކު އެތެރެކުރާ ޑީސަލުން 15 މިލިޔަން ލީޓަރު ސަލާމަތްކުރެވި، ދައުލަތުގެ ބަޖެޓުން ހޭދަކުރާ ތެލުގެ ހަޚަރަދުން އަހަރަކު 180 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމާޒުކުރައްވާފައިވާ، ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ޤައުމީ އަމާޒަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.