މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައި، އެކަމާ ގުޅޭ އުސޫލެއް އެ އޮތޯރިޓީން އާންމުކޮށްފިއެވެ.
މި އުސޫލުގެ މައިގަނޑު މަޤުޞަދަކީ މީރާއަށް ދައްކަންޖެހޭ ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދެއްކުމުގެ ގޮތުން، އެ ފަރާތަށް ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާ ނަމަ، އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖެއްސައިދިނުމުގައި ޢަމަލުކުރާނެ އާންމު އުސޫލެއް ކަނޑައެޅުމެވެ.
މީރާއިން ވިދާޅުވީ، މި އުސޫލުގެ ދަށުން ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ފައިސާ ނުލިބިވާ ނަމަ، ނުލިބިވާ ފައިސާއާއި އެ ފަރާތުން މީރާއަށް ދައްކަންޖެހިފައިވާ ފައިސާއާ އަޅައިކަނޑައިދިނުމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

މި އުސޫލުގެ ދަށުން ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅަންޖެހޭނީ މީރާކަނެކްޓް މެދުވެރިކޮށް، ނުވަތަ MIRA 904 (އެޖަސްމަންޓް/ރީފަންޑަށް އެދުން) ފޯމު މެދުވެރިކޮށް، ނުވަތަ އީމެއިލް މެދުވެރިކޮށެވެ. އަދި ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު ލިބެންޖެހޭ ފައިސާގެ ތަފްޞީލު ހުށަހަޅަންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާއާ އަޅައިކެނޑުމަށް އެދޭނަމަ، އެ އަދަދުތަކުގެ ސައްޙަކަން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުުޒާރާ މެދުވެރިކޮށް މީރާއިން ކަށަވަރުކުރާނެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާގެ ސައްޙަކަން ކަށަވަރުކުރާނީ އެ ފައިސާއެއް ނިސްބަތްވާ ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށެވެ. ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށް ބަލާނީ މާލީ ވުޒާރާއިން ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ ކުންފުނިތަކެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައްކަންޖެހިފައިވާ ފައިސާ އަޅައިކަނޑައިދޭނީ ނުދައްކާ ހުރި ފައިސާގެ ތަރުތީބުން އެ ފަރާތުން ދައްކަންޖެހޭ ޕްރިންސިޕަލް އަދަދާއި، ޖޫރިމަނާއާއި، އިންޓްރެސްޓަށް އިސްކަންދީގެންނެވެ. ނަމަވެސް، ދައްކަންޖެހި ނުދައްކަ ހުރި ޕްރިންސިޕަލް އަދަދެއް ނެތް ޙާލަތެއްގައި، ސުންގަޑި ހަމަނުވާ މުއްދަތުތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާގެ އަދަދުތަކާވެސް އަޅައިކަނޑައިދެވޭނެއެވެ.
މީގެ އިތުރުން، އެއްވެސް ފައިސާއެއް އަޅައިކަނޑައިދޭނީ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން އެ ފައިސާއެއް މީރާއަށް ޖަމާކުރުމުން ކަމަށާއި، ފައިސާ ދެއްކި ތާރީޚުގެ ގޮތުގައި ބަލާނީ މީރާއަށް އެ ފައިސާ ލިބުނު ތާރީޚު ކަމަށްވެސް އުސޫލުގައި ފާހަގަކޮށްފައިވެއެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާފައިވާއިރު މިކަމަށް ސަމާލުވުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.