އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ލޮސް އެންޖަލިސް ލޭކަރސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު ލޭކަރސް ކާމިޔާބު ކޮށްފިއެވެ.

ޔޫޓާގެ ސޯލްޓް ލޭކް ސިޓީގެ ޑެލްޓާ ސެންޓަރގައި ކުޅުނު މިމެޗު ލޭކަރސް ކާމިޔާބު ކޮށްފައިވަނީ 132 ޕޮއިންޓް 123 ޕޮއިންޓުންނެވެ. ދެޓީމުގެ ފާރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ދެ ކުއާޓަރ ދިޔައީ ވަރަށް އާދަޔާ ހިލާފު ގޮތަކަށެވެ. މިގޮތުން ފުރަތަމަ ކުއާޓަރގައި ޖޭޒްއިން ވަރަށް މޮޅު ކުޅުމެއް ދައްކާ 18 ޕޮއިންޓްގެ ލީޑެއް ނެގިތަން ފެނިގެންދިޔައެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ކުއާޓަރގައި ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

މިގޮތުން މިކުއާޓަރގައި ލޭކަރސްއިން އެޓީމުގެ މޮޅު ކުޅުން ދައްކާ ފުރަަތަމަ ހާފް ނިންމާލިއިރު ފަހަތުން އަރާ 3 ޕޮއިންޓްގެ ލީޑެއް އެޓީމުން ނަގިއެވެ. މިމެޗުގެ ތިންވަނަ ކުއާޓަރގައި ދެޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ފަހު ކުއާޓަރގައި ލޭކަރސްއިން އެޓީމުގެ ލީޑު ފުޅާކޮށް މެޗު ނިންމާލީ 10 ޕޮއިންޓްގެ ލީޑަކާއެކުއެވެ.

މިމެޗުގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 52 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާ 10 އެސިސްޓް ކުރި ލޫކާ ޑޮންޗިޗްއެވެ. އޭނާ މިމެޗުގައި 8 ތުރީ ޕޮއިންޓަރ އެޅިއިރު މިއީ މިސީޒަންގައި 50 ޕޮއިންޓް ކުޅުންތެރިއަކު ހަމަކުރި ފުރަތަމަ މެޗެވެ. މީގެއިތުރުން އޮސްޓިން ރީވެސްވަނީ އެޓީމަށް 29 ޕޮއިންޓް ހޯދައިދީފައެވެ. ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދިން ލައުރީ މާކެނެންއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 106 ޕޮއިންޓް 93 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕިސްޓަންސްއެވެ. މިއީ މިސީޒަންގައި ސެވަންޓީ ސިކްސަރސް ބަލިވި ފުރަތަމަ މެޗެވެ.

މީގެއިތުރުން މެންފިސް ގްރީޒްލީސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު 123 ޕޮއިންޓް 112 ޕޮއިންޓުން ގްރިޒްލީސް ކާމިޔާބު ކުރިއިރު މިނެސޯޓާ ޓިމްބަރވުލްވްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރި މެޗު 117 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޓިމްބަރވުލްވްސްއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ނިއުޔޯކް ނިކްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗުން ނިކްސް ވަނީ 111 ޕޮއިންޓް 102 ޕޮއިންޓުން ބަލިވެފައެވެ. މިސީޒަންގައި ނިކްސް މިހާތަނަށް ކުޅުނު 3 މެޗުންވެސް މިވަނީ ބަލިވެފައެވެ.