ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ޗައިނާގެ ބެއިޖިންގައި އެ އެއާލައިންގެ އައު އޮފީހެއް ހުޅުވައިފިއެވެ. މިއީ މޯލްޑިވިއަންގެ ދަތުރުތަކާއި ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އެއާލައިނުން ފާހަގަކުރެއެވެ.

މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އޮފީސް ހުޅުއްވާދެއްވީ، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް ޗެއާމަން އަޙުމަދު ޝަފީޢުއާއި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމުގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބުއެވެ.

މޯލްޑިވިއަންއިން ވިދާޅުވީ، މިއީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އެ އެއާލައިނުން ވިދާޅުވިއެވެ.


މީގެ އިތުރުން، މީގެގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ބަދަހިވެ، ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް މޯލްޑިވިއަންއިން ފާހަގަކުރެއެވެ. އަދި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ލުއިފަސޭހަތައް އިތުރުވެ، ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް މި އޮފީހުގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.

މޯލްޑިވިއަންއިން މިވަގުތުވެސް ދަނީ ޗައިނާގެ 3 ސިޓީއަކަށް ދަތުރުކުރަމުންނެވެ. މީގެ ތެރޭގައި ޗައިނާގެ ބެއިޖިންގ، ޝަންހާއި އަދި ބެއިޖިން ހިމެނެއެވެ. މި ސިޓީތަކަށް ދަތުރުކުރުމަށް މޯލްޑިވިއަންއިން ބޭނުންކުރަނީ އެ އެއާލައިންގެ ފްލީޓުގައި ހިމެނޭ އޭ330-200 މަރުކާގެ މަތިންދާ ބޯޓެވެ. މޯލްޑިވިއަންއިން ޗައިނާގެ ޖެނެރަލް ސޭލްސް އެޖެންޓަކަށް ހަމަޖައްސާފައިވަނީ މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑްއެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓެކެވެ. މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް މުޅި ޖުމްލަ 327,531 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 19 އިންސައްތައެވެ.