ވިމެންސް ސުޕަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ވިމެން އާއި މެންޗެސްޓަރ ޔުނައިޓެޑް ވިމެންގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައި ސިޓީގެ ނުރައްކާތެރި ފޯވަޑް ހަދީޖާ ޝޯ ކާމިޔާބު ކޮށްދިން ލަނޑުން ސިޓީއެވެ. މިލަނޑާއެކު ސިޓީއަށް ހަމަޖެހިލެވޭނެ ކަމަށް ހީކުރެވުނު ނަމަވެސް ދެވަނަ ހާފްގައި ޔުނައިޓެޑުން ދިޔައީ ދޭތެރެ ދޭތެރެއިން ކައުންޓަރ އެޓޭކް އުފައްދާ ސިޓީއަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޔުނައިޓެޑުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލިސަބެތު ޓަރލަންޑްއެވެ.
މިމެޗު އެއްވަރު ވުމުން ސިޓީއިން މިސީޒަންގައި ދަމަހައްޓަމުން އައި ސައްތައިން ސައްތަ ރިކޯޑް މިވަނީ ނިމުމަކަށް އައިސްފައެވެ. މިނަތީޖާ އާއެކު ސިޓީ މިހާރު އެއްވަނައިގައި އުޅެނީ ކުޅުނު 7 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކުއެވެ. އަދި ޔުނައިޓެޑް އުޅެނީ 11 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ.
ސިޓީގެ މެޗު އެއްވަރު ވުމުގެ ފައިދާ އެންމެ ރަނގަޅަށް ނަގާފައިވަނީ އެޓީމާއި އެންމެ ގާތުން ވާދަކުރަމުންދާ ޗެލްސީ ވިމެންއެވެ. ޗެލްސީއިން ވަނީ ރޭ ކްރިސްޓަލް ޕެލަސް ވިމެން އާއި ބައްދަލުކުރި މެޗު ރަށުން ބޭރުގައި 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށް ސިޓީ އާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. މީގެއިތުރުން މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާލާއިރު ބަރމިންގހަމް ސިޓީ ވިމެން އާއި ޗާލްޓަން އެތުލެޓިކް ވިމެން ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ބަރމިންގހަމް ކާމިޔާބު ކުރިއިރު އެސްޓަން ވިލާ ވިމެން އާއި އެވަޓަން ވިމެން ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވިލާއެވެ. އަދި ލިވަޕޫލް ވިމެން އާއި ލަންޑަން ސިޓީ ލަޔޮނެސެސް ބައްދަލުކުރި މެޗު 2 ލަނޑު 2 ލަނޑުންވީ އެއްވަރެވެ.
ވިމެންސް ސުޕަރ ލީގު: ސިޓީއާއި ޔުނައިޓެޑްގެ މެޗު އެއްވަރު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed