ގަލްފުގެ ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރޭގައި، ޔޫއޭއީގެ އައްސޭރިފަށަށް ތެޔޮ ލީކުވެ ފެތުރެމުންދާތީ، ގިނަ ގޮނޑުދޮށްތައް ބަންދުކޮށްފިއެވެ.

އެމެރިކާއާއި ޔަހޫދީ ދައުލަތުން އީރާނާ ދެކޮޅަށް ހިންގާ ހަރަކާތްތަކާ ގުޅިގެން ގަލްފުގެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ޔޫއޭއީގެ އައްސޭރިފަށަށް ތެޔޮ ލީކުވެ ފެތުރެމުންދާތީ، އާންމުންގެ ސަލާމަތާއި ތިމާވެށި ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ގޮނޑުދޮށްތައް ބަންދުކޮށްފިއެވެ.

ވިލާތުގެ އިއްތިހާދުގެ (އީޔޫ) ގެ ކޮޕަރނިކަސް ސެޓްލައިޓްގެ ފޮޓޯތަކުން ދައްކާގޮތުން، އޮކްޓޯބަރު 24 ގައި ނަގާފައިވާ މަންޒަރުތަކުން އުއްމު އަލް ޤުވައިން ސަރަހައްދުގެ އައްސޭރިފަށުގައި ތެޔޮ ފެތުރިފައިވާ މަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ.

މިދިޔަ މަހު ދިން ޙަމަލާއެއްގައި ގެއްލުންލިބުނު "ޖެމް ނަންބަރު 2" ނަމަކަށް ކިޔާ ތެޔޮ އުފުލާ އުޅަނދަކުން ލީކުވަމުންދާ ތެޔޮ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށް ޔޫއޭއީގެ ތަޙުޤީޤީ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އުއްމު އަލް ޤުވައިން، ޝަރްޖާ އަދި ރަސްއުލްޚައިމާގެ ބީޗުތަކާއި އައްސޭރިފަށުގެ ގޮނޑުދޮށްތައް ވަގުތީގޮތުން ވަނީ ބަންދުކޮށްފައެވެ.

މި ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިއުޔޯކް ޔުނިވަރސިޓީ އަބޫދާބީގެ ވޯޓަރ ރިސާރޗް ސެންޓަރުގެ ޑިރެކްޓަރު ޕްރޮފެސަރު ނިދާލް ހިލާލް ވިދާޅުވީ، މިއީ ކަނޑުގެ ތިމާވެށި ނިޒާމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށާއި، ތެލުގެ ހަރަކާތްތައް ދެނެގަނެ، ހާލަތު ކޮންޓްރޯލް ކުރެވެންދެން ގޮނޑުދޮށްތައް ބަންދުކޮށްފައި ބެހެއްޓުމަކީ ބުއްދިވެރި އަދި ރައްކާތެރި ފިޔަވަޅެއް ކަމަށެވެ.

ޣައިރު ޤާނޫނީ ހަމަލާތަކުގެ ސަބަބުން ކަނޑުދަތުރުފަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި، މިފަދަ ތިމާވެށީގެ ބޮޑެތި ކާރިސާތަކާ ކުރިމަތިލާންޖެހިފައިވާކަން ތިމާވެށީގެ މާހިރުން ފާހަގަކުރައްވައެވެ.