ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށާއި، މުހިންމު ތެޔޮ ހޮޅިއެއްގެ ޕަންޕިން ސްޓޭޝަންތަކަށް، ޔަމަނުގެ ޙޫޘީ ޖަމާޢަތުން ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޙޫޘީންގެ ތަރުޖަމާނު ޔަޙްޔާ ސަރީ ހާމާކުރެއްވިގޮތުން، އެ ޖަމާޢަތުން ވަނީ ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން ރިޔާޟްގެ އެއާޕޯޓަށް ހަމަލާދީފައެވެ. މީގެ އިތުރުން، އިރުމައްޗާއި ހުޅަނގު ގުޅުވާލާ ތެޔޮ ހޮޅި (އީސްޓް-ވެސްޓް ޕައިޕްލައިން) ގެ ޕަންޕިން ސްޓޭޝަންތަކަށްވެސް ޑްރޯން ހަމަލާތަކެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާތަކާ ގުޅިގެން ސައުދީ މަދަނީ ދިފާއީ އިދާރާއިން ވަނީ ނުރައްކަލުގެ ރަތް ސިގުނަލް ނެރެފައެވެ. ނަމަވެސް، ސައުދީ ކޯލީޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވީ، ރިޔާޟްއަށް އަމާޒުކޮށް ފޮނުވާލި މިސައިލް ވައިގެ ތެރެއިން ހުއްޓުވާލާފައިވާ ކަމަށެވެ.

މި ހަމަލާތަކުގެ ރައްދުގައި ސައުދީ ކޯލީޝަނުން ވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތުގައި ޔަމަނުގެ ވެރިރަށް ސަނާގައި ހުރި ޙޫޘީންގެ 2 މިސައިލް ލޯންޗަރަށް ވައިގެ ހަމަލާތަކެއްދީ ހަލާކުކޮށްލާފައެވެ.

ޔަމަނުގައި 2014 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ފެށިފައިވާއިރު، ޙޫޘީން ވަނީ ޔަމަނުގެ އުތުރާއި ހުޅަނގުގެ ބޮޑުބައެއްގެ ކޮންޓްރޯލް ހޯދާފައެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމުގެ މަޤްސަދުގައި 2015 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލީޝަނުން ދަނީ ޔަމަނުގައި އަސްކަރީ ހަރަކާތްތައް ހިންގަމުންނެވެ.