ޕާކިސްތާނާއި ރާއްޖެއާ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުން އަންނަ މިދަނޑިވަޅުގައި، ރާއްޖޭގައި ސިއްހީ ދާއިރާގެ ޢިލްމީ މަހާސިންތާއެއް ބޭއްވުމަކީ، ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާވެ ކުރިއަރަމުންދާކަމުގެ ބޮޑު އުންމީދެއް ލިބެމުންދާ ކަމެއް ކަމަށް ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފައިސަލް ރަސޫލް ލޯދީ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ، ޕާކިސްތާނުގެ ރިފާ އިންޓަނޭޝަނަލް ޔުނިވަސިޓީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ ގުޅިގެން އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ފެށި އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ، މިއީ އިންސާނިއްޔަތަށްޓަކައި ކުރާ މުހިންމު މަސައްކަތެއް ކަމަށާއި މިކަން އިންތިޒާމު ކޮށްދެއްވީތީ ޤައުމީ ޔުނިވަސިޓީގެ އިސްވެރިންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރާއްޖެއާއި ޕާކިސްތާނާއި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމު ދެމެދު ސޮއިކުރެއްވި 20 އެއްބަސްވުމަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވަނީ، އޭގެ ތެރެއިން 5 އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީއާއެކު ވި އެއްބަސްވުންތަކެއްކަން ފާހަގަކުރައްވާފައެވެ.

އެމްއެންޔޫގެ މަހާސިންތާއިން ޕާކިސްތާނާއި ރާއްޖޭގެ ގުޅުމަށް އުއްމީދެއް
އެމްއެންޔޫގެ މަހާސިންތާއިން ޕާކިސްތާނާއި ރާއްޖޭގެ ގުޅުމަށް އުއްމީދެއް

އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން - ފޮޓޯ: ޕީއެސްއެމް

މަތީ ތައުލީމުގެ ދާއިރާއިން ދެގައުމުން އެއްބާރުލުން ދިނުމަށް ޤައުމީ ޔުނިވަސިޓީއާއެކު ބަދަލުކުރި މި އެއްބަސްވުންތަކަށް އިޝާރާތް ކުރައްވާ ސަފީރު ފައިސަލް ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މިސަރަހައްދުގެ ގިނަ އަދަދެއްގެ މަޝްހޫރު ތަޖުރިބާކާރުންނާއެކު މިފަދަ އިލްމީ މަހާސިންތާއެއް ރާއްޖޭގައި ބޭއްވިގެން މިދަނީ ވަރަށް މުނާސަބު ވަގުތެއްގައި ކަމަށެވެ.

"މި ވަގުތު މި ކޮންފަރެންސް ބޭއްވޭކަމީ ދެގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަން ހަރުދަނާވެ ކުރިއަރަމުންދާކަމުގެ އިތުރު އުންމީދެއް، ހަމަ ޔަގީނުންވެސް އިލްމީ ރޮނގުން މިދަނީ އެކަން ހާސިލުވަމުން" ފައިސަލް ވިދާޅުވިއެވެ.

ޕާކިސްތާނަކީ، ރާއްޖޭގެ ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ގައުމެކެވެ. މެޑިސިންގެ ދާއިރާއިންނާއި، ސިއްހީ ދާއިރާގެ އެކި ފަންނުގެ ތަމްރީނުތަކާއި، މަތީ ތައުލީމަށް ގިނަ އަދަދެއްގެ ދިވެހިން ޕާކިސްތާނު ހިޔާރުކުރެއެވެ. އަދި މި ވަގުތުވެސް ޑޮކްޓަރީކަން ކިޔެވުމަށް އެގައުމުގައި ދިވެހި ދަރިވަރުން ތިބިކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ނިޒާމުގައިވެސް ޕާކިސްތާނަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޚިދުމަތްތެރިން މަސައްކަތްކުރަމުން ދާކަންވެސް ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ތަޖުރިބާކާރު ޑޮކްޓަރުންނާއި، އެހެނިހެން ދާއިރާތަކުގެ ސިއްހީ ޚިދުމަތްތެރިން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ފާމަސޫޓިކަލް އިންޑަސްޓްރީގައިވެސް ޕާކިސްތާނުގެ ދައުރު މުހިންމެވެ. އެގޮތުން ދިވެހިން އާންމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް އެތެރެކުރާ އާންމު ގައުމުތަކުގެ ތެރޭގައި ޕާކިސްތާނު ހިމެނޭކަން ފާހަގަކޮށްލެވެއެވެ.