ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތުވާތަކެތި ގެންގުޅެން ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހަތަރު ބިދޭސީންނާއި، ދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހިންގެ ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މި މައްސަލާގައި ހައްޔަރުކުރި 4 ބިދޭސީންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެއީ، އެމްޑީ ޖިހާދު ބިން އަރީފް (20އ)އާއި، އެމްޑީ މިޒަންނޫރު ރަހްމާން (41އ)އާއި، މިރްޒާ އަލް އަމީން (30އ) އަދި އެމްޑީ އަރްމާން އަލީ (21އ)އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވިދާޅުވީ، މިމީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް މޯލްޑިވްސް ކަަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެންނެވެ.

މީގެ އިތުރުން ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހަޒަރުމާގެ / ވ.ފުލިދޫ، އަޚްމަދު ނަޞީރު (62އ)އެވެ. އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން އޭނާ ހައްޔަރުކޮށްފައިވަނީ، މި މަހުގެ 24 ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 19 ބުލެޓް ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ، 427 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ނަޞީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.