ޣައްޒާ ސިޓީގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހަށާއި އެކި ސަރަހައްދުތަކަށް ޔަހޫދީ ފައުޖުތަކުން ނިރުބަވެރި ހަމަލާތަކެއްދީ، އަށް މީހުން ޝަހީދުކޮށްލައިފިއެވެ. މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ޔުނިވަރސިޓީއަށް ދިން ދެވަނަ ވައިގެ ހަމަލާއެއްގައި ތިން ސެކިއުރިޓީ ގާޑުން ޝަހީދުކޮށްލިއެވެ. އޭގެ ކުރިން ދިން ޑްރޯން ހަމަލާއެއްގައި ހަތް އަންހެން ދަރިވަރަކު ޒަޚަމުވި އިރު، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ކައިރީގައި ހުރި ފީލްޑް ހަސްފަތާލަކަށް ވަނީ ގެންގޮސްފައެވެ. މި ހަމަލާތަކުގެ ނަތީޖާ "އިންތިހާއަށް ބޮޑު" ކަމުގައި، ހާދިސާ ހިނގި ސަރަހައްދުގައި ހުރި ނޫސްވެރިން ބުނެއެވެ.
ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ އަލް-މަވާސީއަށް ދިން ބަޑީގެ ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭހެން ދެ މީހުން ޝަހީދުކޮށްލާފައިވާ ކަމުގައި ނާޞިރު މެޑިކަލް ކޮމްޕްލެކްސުން ވެސް ވަނީ ބުނެފައެވެ. މެދުތެރޭ ޣައްޒާގެ ދައިރު އަލް-ބަލަޙުގެ އިރުމަތީ ސަރަހައްދަކަށް ދިން ޑްރޯން ހަމަލާއެއްގައި އިތުރު މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި، އުތުރު ޣައްޒާގެ ޙަމަދު ހަސްފަތާލު ކައިރިން އަލް-ރަޝީދު މަގަށް ދިން ހަމަލާގައި ވެސް އެކަކު ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަޚަމުކޮށްލާފައިވާ ކަމުގައި ވަފާ ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ. އޮކްޓޫބަރު 25 ވަނަ ދުވަހުގެ ފަހުގެ ވަގުތެއްގައި ޚާން ޔޫނިސްގެ އިރުމަތީގައިވާ ޝައިޚް ނާޞިރު އަވަށަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ވެސް ފިރިހެނަކު ޝަހީދުކޮށްލައި އިތުރު ބަޔަކު ޒަޚަމުކޮށްލިއެވެ.
ޔުނެސްކޯއިން ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 އޮކްޓޫބަރުގައި ޔަހޫދީން ފެށި ޤަތުލުޢާންމުގައި ޣައްޒާގެ މަތީ ތަޢުލީމު ފޯރުކޮށްދޭ ތަންތަނުގެ ގާތްގަނޑަކަށް %95 ވަނީ ސުންނާފަތިކޮށްލާފައެވެ. 2025 އޮކްޓޫބަރުގެ "ޤަތުލުޢާންމު ހުއްޓައިލުމުގެ އެއްބަސްވުން" ފެށި ފަހުން ވެސް 1،551 މީހުން ޝަހީދުކޮށްލައި، 5،573 މީހުން ޒަޚަމުކޮށްލާފައިވާ ކަމުގައި، ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. މުޅި ޤަތުލުޢާންމުގައި 74،544 މީހުން ޝަހީދުކޮށްލައި، 175،692 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ. އަދި، ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި މިހާރު އޮތީ ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށުގައެވެ.
ޣައްޒާގެ އިސްލާމީ ޔުނިވަރސިޓީއަށާއި އާންމު ސަރަހައްދުތަކަށް ޔަހޫދީންގެ ހަމަލާތަކެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed