ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ. ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ފ އަތޮޅަށް މިއަދު 17:00 ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބޯކޮށް ވަރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަބާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ތޫފާންގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރި ނަމަވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.


މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ވަނީ ގޯސްވެފައެވެ. އަދި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ ސަމާލުތައް ނެރެމުންނެވެ.

މިއަދުން ލަފާކުރާގޮތަށް ބަލާއިރު ވައި ހުންނާނެ ކަމަށް ބެލެވެނީ ހުޅަނގުދެކުނާއި، ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މެޓުން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ.