ސްރީ ލަންކާގެ އައްސޭރިފަށުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި ޙާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކު ވިޔަފާރި އުޅަނދުތަކުން ސަލާމަތްކޮށް، އެނބުރި ޤައުމަށް ފޮނުވާލުމުގައި ސްރީ ލަންކާއިން އެހީތެރިވެދީފިއެވެ. ސްރީ ލަންކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ތުޝާރާ ރޮޑްރީގޯ ވިދާޅުވީ، މި އޮޕަރޭޝަން ހިންގީ ކުއްލި ޞިއްޙީ ފަރުވާއަށް ބޭނުންވެފައި ތިބި ފަޅުވެރިންތަކެއް ސަލާމަތްކޮށްދިނުމަށް އެދި އީރާންގެ ސަފާރާއިން ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އެދުމުން ކަމުގައެވެ. އެ މީހުން ސަލާމަތްކުރި ސަބަބުގެ އިތުރު ތަފުސީލެއް އެ ވުޒާރާއިން ހާމައެއް ނުކުރެއެވެ. ނަމަވެސް، އެ މީހުން ތިބީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތެޔޮ ޓޭންކަރުތަކެއްގައި ކަމުގައި ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައިގެ ބައެއްގެ ގޮތުގައި އެމެރިކާއިން ވަނީ އެ ޤައުމުގެ ކަނޑު ދަތުރުފަތުރަށް ޙިޞާރެއް ކުރިމަތިކުރުވާފައެވެ.

ކޮލަމްބޯއާ ގާތްގަނޑަކަށް 126 ކިލޯމީޓަރު ދުރުގައި އޮންނަ ގޯލް ބަނދަރަށް، 19 އުޅަނދަކުން މި ފަޅުވެރިން ގެނެސް ޞިއްޙީ ފަރުވާ ދިން ކަމުގައި ތަރުޖަމާނު ވިދާޅުވިއެވެ. މި އެންމެން ވެސް އޮކްޓޫބަރު 25 ގެ ފަތިހު އެނބުރި އީރާނަށް ފުރާފައިވާ ކަމުގައި ވެސް ރޮޑްރީގޯ ވިދާޅުވިއެވެ. އިންސާނީ އެހީތެރިކަމުގެ މި ފަދަ މަސައްކަތްތަކުގައި ސްރީ ލަންކާގެ ކަނޑުގެ ސިފައިންނާއި ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭ ކަމުގައި، މި ކަމުގެ މަޢުލޫމާތު އިނގޭ ސަރުކާރުގެ މަޞްދަރަކާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މި އަހަރުގެ މާރިޗު 4 ގައި އެމެރިކާގެ ސަބްމެރިންއަކުން ދިން ޓޯޕިޑޯ ހަމަލާއެއްގައި އީރާނުގެ މަނަވަރު 'އައިއާރުއައިއެސް ދެނާ' އަޑިއަށް ދިޔަ ހާދިސާގައި ވެސް، އިންސާނިއްޔަތަށް ޓަކައި ލަންކާއިން ވަނީ އެ ޤައުމުގެ ގިނަ ޢަދަދެއްގެ ފަޅުވެރިންނެއް ސަލާމަތްކޮށްދީފައެވެ. އެ ހަމަލާގައި ޝަހީދުވި 80 އަށްވުރެ ގިނަ ފަޅުވެރިންގެ ހަށިތައް މާރިޗު މަހުގެ މެދުތެރޭގައި ވައިގެ މަގުން އީރާނަށް ގެންދިޔައެވެ. އަދި، އަޑިއަށް ދިޔަ އުޅަނދުން ސަލާމަތްވި 32 މީހުންގެ އިތުރުން، އެހެން އުޅަނދެއްގެ 208 ފަޅުވެރިން އެޕްރީލު މަހު ވަނީ އަނބުރާ އީރާނަށް ފޮނުވާލާފައެވެ.