ޞިއްޙީ ދާއިރާގެ ކުރިމަގު ބިނާވަނީ ހަމައެކަނި އިމާރާތްކުރާ ހޮސްޕިޓަލްތަކާއި ގާއިމްކުރެވޭ ވަސީލަތްތަކުން ނޫންކަމަށާއި، އެކަމުގައި މީހުން ބިނާކޮށް ފޯރުކޮށްދެވޭ އިލްމުން މުހިންމު ދައުރެއް އަދާކުރާކަމަށް ސިއްޙަތާއި އާއިލާއާއި އިޖްތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާއި ޕާކިސްތާނުގެ ރިފާ އިންޓަނޭޝަނަލް ޔުނިވަސިޓީއާ ގުޅިގެން ބާއްވާ ބުޓިކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ޞިއްޙީ ދާއިރާގެ ތަޢުލީކީ ހަމައެކަނި ގިނަ އަދަދެއްގެ ޑޮކްޓަރުން އުފެއްދުން އެކަނި ނޫން ކަމަށާއި، މުހިންމީ މުޖުތަމައުތަކަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ތަންފީޒު ކުރެވޭ ވަރުގެ ޤާބިލު މީހުން ބިނާކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މުސްތަގުބަލަށް ތައްޔާރުވާއިރު ސިއްޙީ ދާއިރާގެ މީހުން މިއަދު މަސައްކަތް ކުރަން ޖެހެނީ ޑިޖިޓަލް ހެލްތު އަދި އާޓިފިޝަލް އިންޓެލިޖެންސާއެކުކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ޕެޓާން ބަދަލުވަމުން އަންނަ ބަލިބަލީގެ ޕެޓާން އާއި، ނަފްސާނީ ބަލިމަޑުކަން ފަދަ ކަންކަމަށް މީހުން ބިނާ ކުރުން މުހިންމު ކަމަށެވެ.

ތިީމް ބޭސް ލާނިންގ އާއި ރިސާޗް އާއި ޓެކްނޮލޮޖީގެ އެހީގައި މިދާއިރާއިން މީހުން ބިނާކުރުމުގެ މުހިންކަން ފާހަގަކުރައްވާ، ސިއްހީ ދާއިރާގެ ތައުލީމުގައި، އެޑިއުކޭޝަނަލް ރިސާޗާއި އެސެސްމެންޓް ކޯޗިން އާއި އަދި ބަދަލުވަ އަންނަ ޓެކްނޮލިޖީގެ ބޭނުން ހިފޭ ގޮތަށް މީހުން ބިނާކުރުމުގައި ގައުމީ ޔުނިވަސީޓީން ކުރިއެރުންތަކެއް ހޯދާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސިއްޙީ ދާއިރާގެ ކުރިމަގަށް މުހިންމީ މީހުން ބިނާކުރުން: ވަޒީރު
ސިއްޙީ ދާއިރާގެ ކުރިމަގަށް މުހިންމީ މީހުން ބިނާކުރުން: ވަޒީރު

"މިއީ މުހިންމު ކުރިއެރުމެއް އަޅުގަނޑުމެންގެ ޔުނިވަސީޓީތަކުން ހަމައެކަނި ކިޔަވައިދޭން ޖެހޭނީ ހެލްތް ކެއާ ޕްރޮޕެޝަނުންނެއް ނޫން. އަޅުގަނޑުމެންގެ ކޮންޓެކްސްޓްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާނެ އިލްމަކީ ކޮބައިކަންވެސް ދަސްކޮށްދޭން ޖެހޭ، އަދި އެހެން ޔުނިވަސިޓީތަކާ ހޮސްޕިޓަލްތަކާއި ދިރާސާކާރުންނާއި ޕޮލިސީތައް ހަދާ މީހުންނާއި އޮންނަ ގުޅުން ވަރުގަދަ ކުރަންޖެހޭ" ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ބަލިބަލިން ރައްކާތެރިވުމުގެ މުހިންމުކަމާއި، ބަލިމަޑުކަމެއް ފެތުރުމުގެ ކުރިން އެކަމާއި ދެކޮޅަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ ރައްކާތެރިވުން މުހިންމު ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

"ޝޭޕިންގ ދަ ފިއުޗަރ އޮފް ހެލްތް ޕްރޮފެޝަނަލްސް އެޑިއުކޭޝަން އިނޮވޭޝަން ލީޑަރޝިޕް އެންޑް އެކްސެލެންސް" މި ތީމުގެ ދަށުން ބާއްވާ މި ކޮންފަރެންސްގައި 14 ގައުމަކުން 40 އިންސްޓިޓިއުޓަކުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، 200 ޕޭޕަރު ހުށަހަޅާނެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ ސިއްޙީ ދާއިރާގެ މާހިރުންނާއި އެކި ގައުމުތަކުގެ ތަޖުރިބާކާރުން ބައިވެރި، އެބޭފުޅުންގެ ދިރާސާތައް ހިއްސާ ކުރުމާއި މައުލޫމާތު ބަދަލުކުރުންތައް ކުރިޔަށްދާނެއެވެ.