ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.
ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓުގައި ޝާޢިއުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހެއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން މާރުކުރުމުގެ އިލްތިޒާމު އަދާކުރަމުން ގެންދިއުމަށް އެމްއެމްއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.
އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ މީލާދީ މަހެއްގައި ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހާ ޖެހިގެން އަންނަ މަހުގެ 28ގެ ކުރިން މާރުކުރަން ޖެހޭ ކަމަށެވެ. އަދި އެ ގާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރަން ހަނދާންކޮށްދޭ ކަމަށާއި ސުންގަޑި ހަމަވާއިރު ވެސް ގާނޫނާ އެއްގޮތަށް މާރުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރާ ފަރާތެއް ވާނަމަ އެ ފަރާތްތަކުގެ ނަން ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ހާމަކުރާނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން މީގެކުރިން މާރުކުރުމުގެ ސުންގަޑިއަކީ މީލާދީ މަސް ނިމި، އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28ގެ ކުރިންނެވެ. މިސާލަކަށް ސެޕްޓެންބަރު މަހުގެ އާމްދަނީ މާރުކުރަން ޖެހޭ ސުންގަޑިއަކީ 28 ޑިސެންބަރު 28ގައެވެ.
މިހާރު ގެނައި ބަދަލާއެކު މީލާދީ މަހެއް ނިމި، އެ މަހަށް ފަހު ހިނގާ ފުރަތަމަ މަހުގެ 28ގެ ކުރިން ފައިސާ މާރުކުރަން ޖެހޭނެއެވެ. މިސާލަކަށް ސެޕްޓެންބަރު މަހުގެ އާމްދަނީ މާރުކުރަންޖެހޭ ސުންގަޑިއަކީ 28 އޮކްޓޫބަރެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށްވެސް އެމްއެމްއޭއިން ވަނީ އިސްލާހެއް ގެނެސްފައެވެ. މީގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތް ނުވާ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރަންޖެހެނީ އެ ފަރާތަކަށް ކޮންމެ އަހަރަކު ލިބޭ އާމްދަނީ 15 މިލިޔަން ޑޮލަރަށް އަރާނަމައެވެ. ނަމަވެސް މިހާރު ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މިއަދަދު 25 މިލިޔަން ޑޮލަރަށް ވަނީ މަތިކޮށްފައެވެ.
އެމްއެމްއޭއިން ވަނީ މި ބަދަލު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދާއި ބޭރުފައިސާ އާއި ބެހޭ އާންމު ޤަވާއިދުގައިވެސް ހިމަނާފައެވެ. މީގެ އިތުރުން ޤާނޫނުގެ ދަށުން ބަޔާންކޮށްފައިވާ މާރުކުރުމުގެ އިލްތިޒާމުގެ ބޭނުމަށް ހާއްސަ އެކައުންޓެއް ހަމަޖެއްސުމަށް ޤާނޫނުގައި ހިމަނާފައި ވުމާއެކު ރަޖިސްޓްރީ ކުރާއިރު މާރުކުރުމަށް ބޭނުންކުރާ ހާއްސަ އެކައުންޓު ހިމެނުމަށްވެސް ޤަވާއިދުގެ ތެރޭގައި ވަނީ ހިމަނާފައެވެ.