ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރޭ ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށާފައެވެ. މި މައުރަޒު އަންނަ މަހުގެ 2ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު އެކި އުމުރުފުރާގެ ފަރާތްތަކަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިއަހަރު ކުރިއަށްގެންދަނީ އެހެން އަހަރުތަކަށްވުރެ ފުޅާކޮށް ބޮޑުކޮށެވެ. މި އެކްސްޕޯއަކީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ކުރިއަށްދާނީ 6 ދުވަހަށެވެ. ބީސީސީއިން ވިދާޅުވީ، އުފެއްދުންތެރިކަމުގެ މައުރަޒުގައި ކޮންމެ އުމުރުފުރާއެއްގެ ފަރާތަކަށްވެސް ބައިވެރިވެވޭނެފަދަ ހަރަކާތްތައް ކުރިއަށްދާނެކަމަށެވެ. އެގޮތުން މި އެކްސްޕޯގައި ޖުމްލަ 7 ޑިސްޓްރިކްޓެއް ވަނީ ބަހައްޓާފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު: ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ޚާއްޞަ ހަރަކާތްތަކެއް
އުފެއްދުންތެރިކަމުގެ މައުރަޒު: ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ޚާއްޞަ ހަރަކާތްތަކެއް

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު

ބީސީސީއިން ވިދާޅުވީ، މައުރަޒުގެ ކޮންމެ ދިމާލަކަށް ދިޔަނަމަވެސް އާއިލާއާއިއެކު ތަފާތު އުފާވެރި ވަގުތު ހޭދަކޮށްލެވޭ ތަޖުރިބާއެއް ލިބޭނެކަމަށެވެ. ހަވީރުގެ ވަގުތުތަކުގައި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް އޮންނާނެއެވެ. އަދި ރޭގަނޑު ބޮޑެތިމީހުންނާއި ޒުވާނުންނަށް ޚާއްސަ ހަރަކާތްތައް އޮންނާނެއެވެ.

އެކްސްޕޯގެ ތެރެއިން ބޮޑުބެރު ޖެލެންޖާއި، ސަޤާފީ ވާދަ މުބާރާތް އޮންނާނެއެވެ. ސަގާފީ ވާދައިގައި ލަނގިރި ނެގުމާއި، ދިގުފަލި ޖެހުމާއި، ކުރުފަލި ޖެހުމާއި، ބަނޑިޔާ ޖެހުމާއި، އެކި ގްރޫޕްތަކުގެ ހުނަރުތައް ފެނިގެންދާނެއެވެ. ހަވީރާއި ރޭގަނޑު ސްޓޭޖްގައި އެކި ބޭންޑްގެ ހުށައެޅުންތަކާއި، ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ކުރިއަށްދާނެއެވެ.

މުޅި މައުރަޒަށް ޖުމްލަ ގޮތެއްގައި ބަލާއިރު، މިއީ ރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިތަކަށް ލިބިގެންދާ ވަރަށް ބޮޑު އިޤުތިޞާދީ ފުރުޞަތެކެވެ. މައުރަޒުގެ ތެރޭގައި ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް އެއްތަންވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ވާހަކަދައްކާލެވޭނެ ޚާއްޞަ ތަންތަން ވަނީ ޤާއިމުކޮށްފައެވެ.