ރަށުގައި ތިބެގެން އެންމެ އާދައިގެ ޓެސްޓް ހެދޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ ރައްޔިތުން ކޮންމެހެންވެސް ބޭނުންވާނެ އިންތިޒާމެކެވެ. ނަމަވެސް މީގެ އެތަކެއް އަހަރުތަކެއް ކުރިން ތަރައްޤީކޮށްފައިވާ ސިއްޙީ މަރުކަޒުތަކުގައި އެ ނިޒާމް ޤާއިމުކުރާނެ ރަނގަޅު ޖާގައެއް ނެތެވެ. އެހެންކަމުން މިފަދަ މައްސަލަތަކަށް ހައްލެއް ގެނައުމުގެ މަޤޞަދުގައި ސިއްޙީ މަރުކަޒުތަކުގެ އެކްސްޓެންޝަން އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން އެއް ރަށަކީ ހއ. މުރައިދޫއެވެ. މުރައިދޫގެ ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްް ދަނީ ކުރަމުންނެވެ.
މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު ވިދާޅުވީ މިހާރު އެރަށު ސިއްޙީ މަރުކަޒުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް އިތުރު ފަރުވާއެއް ނުލިބޭކަމަށެވެ. އަދި ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން މުވައްޒަފުންނަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހޭކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
އައު އިމާރާތާއެކެ ބަލި މީހުން އެޑްމިޓްކޮށްގެން ފާރިވާދޭނެ ކޮޓަރިއަކާއި ބަލިމީހުން ބަލާ ކޮޓަރީގެ އިތުރުން ދަތިކަމެއް ނެތި މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ ލިބިގެންދާނެކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ޚާއްސަކޮށް ރަށުގައި ތިބެގެން އެންމެ އާދައިގެ ޓެސްަޓްތައް ހެދޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާ ޚިދުމަތް ލިބެން ފެށުމަކީ ކުރެވޭ އިންމީދެއްކަމަށެވެ.
"ރައީސްގެ ވައުދާ އެއްގޮތަށް ލެބޯޓަރީގެ ޚިދުމަތް ލިބިގެން ދިޔުމަކީ ކުރެވޭ އުންމީދެއް. މިހާރު ވަނީ އައު އިމާރާތުގެ ފުރަތަމަ ބީމް އަޅަފައި." ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު ވިދާޅުވިއެވެ.
މުރައިދޫގައި މިހާރު ޚިދުމަތް ދޭ ސިއްޙީ މަރުކަޒަކީ ލެވެލް 1 ގެ މަރުކަޒެކެވެ. މި މަރުކަޒުގައި މިވަގުތު ޚިދުމަތް ދިނުމަށް ހުރީ އެންމެ ޑޮކްޓަރެކެވެ. އަދި ބަލި މީހުންނަށް އެހީތެރިވުމަށް 2 ނަރުހުން ތިބެއެވެ. އެހެންކަމުން އައު އިމާރާތާއެކު ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭން ތިބި މީހުންނަށްވެސް ލުއިތަކެއް ލިބިގެންދާނެއެވެ.