ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިޞްލާޙުގެ ސަބަބުން، ޓެކްސް ދެއްކުމަށް މަކަރު ހެދުން ކުޑަކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި މެމްބަރުން ވަނީ މިއީ ޓެކްސްގެ ނިޒާމަށް އާއްމުންގެ އިތުބާރު ހޯދަން މުހިންމު ބިލެއްކަމަށް ފާހަގަކުރައްވާފައެވެ.
ބިލު ހުށަހެޅުއްވި މެމްބަރު ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ވިދާޅުވީ ޓެކުހަށް މަކަރު ހެދުމުގެ ސަބަބުން ދަޢުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާ ކަމަށާއި، އެފަދަ ކަންކަމަށް މި ބިލުން ހައްލު ލިބޭނެކަމަށެވެ. އަދި ވިޔަފާރިތަކަށް އުނދަނގޫވާ ގޮތަށް މިހާރު އެ ޤާނޫނުގައި ހުރި ކަންކަން އުނިކުރުމަކީ ވެސް ބިލުގެ މަޤްސަދެއްކަމަށް މެމްބަރު ވިދާޅުވިއެވެ. އިންބަައުންޑް ޓުއަރިޒަމްގެ ހުރަސްތައް ނައްތާލާ ޓެކްސްގެ ނިޒާމު ހަރުދަނާކުރުމަށް މިއީ މުހިންމު ބިލެއްކަމަށް މެމްބަރުން ވިދާޅުވިއެވެ.
"ޓެކްސް ދައްކަން ޖެހޭނީ ހަމައެކަނި އާއްމު މީހާއެއް ނޫން. ލޫޕްހޯލްތައް ބޭނުންކޮށްގެން ޓެކްސްއިން ރެކުމުން ދަޢުލަތަށް އެތައް މިލިއަން ރުފިޔާއެއް ގެއްލޭ" ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ވިދާޅުވިއެވެ.

ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙު ވިދާޅުވީ ޓެކްސްގެ ނިޒާމަށް މިހާރު ގެންނަ ބަދަލުތަކަކީ މުޅި ނިޒާމުގައި ހުރި ފޫނުބެދޭކަންކަން ފުރިހަމަކޮށްދޭ ބަދަލުތަކެއްކަމަށެވެ. އެ ބަދަލުތަކަކީ ނިޒާމީ މައްސަލަތަކަށް އޮތް ހައްލެއްކަމަށް މެމްބަރު ވިދާޅުވިއެވެ.
ބިލަށް ވާހަކަދެއްކެވި ޕީއެންސީގެ މެމްބަރުން ވަނީ ޓެކްސްގެ ނިޒާމަށް ބަދަލު ގެނައުމަކީ މިވަގުތަށް ބޭނުންތެރިކަން ފާހަގަކުރައްވައި، ޓެކްސްއަށް މަކަރު ހަދަން ފުރުސަތު ހުޅުވާލުމަކީ ދަޢުލަތަށް ލިބޭ ގެއްލުމެއްކަމަށާއި، އެކަމަށް ފުރުސަތު ދީގެން ވަރިހަމަކޮށްގެން ތިބެގެން ނުވާނެކަމަށް މެމްބަރުން ވިދާޅުވިއެވެ.
ބިލާ ދެކޮޅަށް ވާހަކަދެއްކެވި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ޓެކްސްގެ ޤާނޫނަށް ގެންނަ ބަދަލުތަކުން އާއްމުންނަށް ފައިދާ ނުވާކަމަށާއި، އެ ގޮތަށް ބަދަލު ގެނައުމުގެ ބޭނުމެއް ނެތްކަަމަށް ވިދާޅުވެފައެވެ.
ބިލުގައި ބުނާގޮތުން، ޖީއެސްޓީ ދެއްކުމުން އެއް ފަރާތްވާން އެއްވެސް ފަރާތަކުން މަސައްކަތްކޮށްފިނަމަ، އެ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވިދާނެ މުޢާމަލާތެއް ނޫންކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ވަނީ ލިބިދީފައެވެ. ބިލުގައި ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ހާލަތުތަކަކީ ކޮބައިކަން ތަފްސީލުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުޑަވުމާއި، ޖީއެސްޓީ ދައްކަންޖެހޭ ތާރީޚު ލަސްވުން ފަދަ ކަންކަން ހިމެނެއެވެ.