ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހޯމް ސްކޫލިންގ ތަޢާރަފްކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިޅީހަށް ހުށާހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

މި ބިލަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާ ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ޝަރުތުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ކަންކަން ހުށަހަޅާފައިވާ ބިލެކެވެ.

ނުކުޅުދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލު ނުކުރެވޭ ކުދިންނަށް އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދެވިދާނެކަމަށް ބިލުގައި ބުނެފައިވެއެވެ. ބިލުގައި އިތުރަށް ބުނެފައިވަނީ ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ޚާއްސަ ހާލަތެއް މެދުވެރިވެފައިވާ ނަމަ ހޯމް ސްކޫލިންގެ ދަށުން ތަޢުލީމު ދެވޭނެކަމަށެވެ.

މީގެއިތުރުން، މަދަރުސީ ތަޢުލީމުގެ ނިޒާމު ހިންގާ ތަންފީޒުކުރުމުގައި ބެލެނިވެރިންނާ މުދައްރިސުންނާ ޕްރިންސިޕަލުންގެ ދަޢުރު އިތުރަށް ތަފްސީލުކުރުމަށާއި، އެނޫންވެސް ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަކީ ބިލުގެ މަޤްސަދެކެވެ.

ހޯމް ސްކޫލިންގ ތަޢާރަފްކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ހޯމް ސްކޫލިންގ ތަޢާރަފްކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް

ބިލުގައި ހިމަނާފައިވާ އިތުރުކަންކަމަށް ބަލާއިރު، ސްކޫލްގަޑީގައި ނާސްތާ ހޯދަން ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުމަށް ކަނޑައެޅުން ފާހަގަކޮށްލެވެއެވެ. ބިލުގައި ތައުލީމީ ޤާނޫނަށް އިތުރު ބައެއް ބަދަލުތައް ގެނައުމަށްވެސް ހިމަނާފައިވެއެވެ. އެ ބަދަލުތަކަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި ދަރިވަރުންގެ ދައުރު ތަފްސީލުކޮށްދިނުމުގެ އިތުރުން، އެ ފަރާތްތަކަށްމިހާރު ދިމާވާ ދަތިތައް ހައްލުކުރުމަސް ހުށަހަޅާފައވާ ކަންކަން ހިމެނެއެވެ.

އެ ބިލުގައި ދަރިވަރުންގެ ދައުރު ތަފްސީލުކޮށް، ސްކޫލްގެ އިސްފަރާތްތަކާއި، މުދައްރިސުންނާއި، ބޮޑެތި މީހުންނަށް އިޚްތިރާމު އާދައަށަގެންނެވުމަށް މަސައްކަތްކުރުމަށް މަސައްކަތްކުރުމަށް ހިމަނާފައިވެއެވެ. އަދި މުދައްރިސުންނާއި، ސްކޫލްގެ މުވައްޒަފަފުންނާއި، ދަރިވަރުންނަށް ގޯނާގެ އެއްވެސް އަމަލެއް ނުހިންގުމާ އެފަދަ ކަމެއްގައި ބައިވެރި ނުވުމަށާއި، ދަރިވަރުން ކިޔަވާ ސްކޫލްގެ ގަދަރު ހިފެހެއްޓުން ފަދަ ކަންކަން އިތުރަށް ތަފްސީލްކޮށް ބިލުގައި ހިމަނާފައިވެއެވެ.

ހަމައެހެންމެ ސްކޫލަށް ދާއިރު ކުއްޖާ ރަނގަޅަށް ކާނާ ލިބި ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތަށް ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދީ، ކުދިން އުނގެނުމަށް ތައްޔާރުކޮށްދޭން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.