ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ހިނގި އަލިފާނުގެ ހާދިސާގެ ތަޙުގީގަށް ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް އެ ރަށަށް މިއަދު ހެނދުނު ދާނެކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރައްވައިފިއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮކުރުމަށް އެ ޓީމުން ހަރަކާތްތެރިވާނެއެވެ.
ފުލުހުން ވިދާޅުވީ އެ ރަށުގެ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށް ގެއްލުންވެފައިވާކަމަށެވެ. އަދި ގުދަނަކާ، ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި އެތަންތަން ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށް ބަންދުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ޖުމްލަ 20 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަނިޔާ ލިބިގެން ފަރުވާ ދިން މީހުންގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. ބާކީ ތިބި މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ.

ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ. އެންޑީއެމްއޭއިން ވިދާޅުވީ، ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު 5 ދުވަހުގެ މުއްދަތަށް ހަމަޖައްސައިދީފި ކަމަށެވެ.