ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ފްރެއިބަރގް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ފްރެއިބަރގްގެ ޔޫރޮޕާ ޕާކް ސްޓާޑިއޮންގައި ކުޅުނު މިމެޗު ބަޔާން ކާމިޔާބު ކޮށްފައިވަނީ 3-1 ލަނޑުންނެވެ. މިއީ ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރިފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އަދި މިމެޗު ފެށުމުގެ ކުރިން ބަޔާންގެ ސަޕޯޓަރުންވަނީ ވިންސެންޓް ކޮމްޕެނީއަށް އަވަސް ޝިފާއަކަށް އެދި ބޮޑު ބެނަރއެއްވެސް ދައްކާލައިފައެވެ. އުމުރުން 40 އަހަރުގެ ކޮންޕެނީ ވަނީ މިދިޔަ ހުކުރު ދުވަހު ބަޔާންގެ ދެވަނަ ޓީމުގެ ފަރިތަކުރުން ބަލަން ހުއްޓާ ހޭނެތިގެން ވެއްޓުމާއި ގުޅިގެން ހޮސްޕިޓަލަށް ގެއްދެވި އެޑްމިޓް ކޮށްފައެެވެ. ބަޔާން އިން ހާމަކުރިގޮތުގައި ހަފްތާތަކެއް ވަންދެން ކޮމްޕެނީ އެޓީމުގެ ބެންޗުން ނުފެނިދާނެ ކަމަށާއި މިވަގުތު މުހިންމީ އޭނާ ރަނގަޅު ސިއްހަތެއްގައި ހުރުން ކަމަށެވެ.

ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީވެސް އެޓީމުންނެވެ. މިގޮތުން މެޗުގެ 16 ވަނަ މިނެޓްގައި މައިކަލް އޮލިސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑާޔޯ އުޕަމެކާނޯވަނީ ބަޔާންގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ނެތާނިއަލް ބްރައުން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސާޖީ ގިނެބްރީ ވަނީ ބަޔާންގެ ލީޑު ފުޅާކޮށްފައެވެ. މިމެޗުގައި ބްރެއިބަރގުން ކާމިޔާބު ކުރި ހަމައެކަނި ލަނޑަކީ މެޗުގެ 82 ވަނަ މިނެޓުގައި ބަޔާންގެ ޓޮމް ބިޝޯފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ބަޔާންގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ 5 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދީނީ އޮލީސޭއެވެ.

މިދިޔަ ދެސީޒަންގައި ޖެހިޖެހިގެން ބުންޑެސްލީގާ ކާމިޔާބު ކޮށްފައިވާ ބަޔާނުން ހޯދި މިކާމިޔާބީއާއެކު މިހާރު އެޓީމު މިވަނީ މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. ނަމަވެސް އެއީ ބޮރޫޝިއާ ޑޯޓްމުންޑާއި އެއްވަރަށް ޕޮއިންޓް ލިބި ފައިދާ ގޯލަށް ބަލާއިރު ކުރި ލިބޭތީއެވެ. މިހަފްތާގައި ޑޯޓްމުންޑް ވަނީ އެއިންޓްރެކްޓް ފްރޭންކްފަރޓް އާއި ބައްދަލުކުރި މެޗު 1-0 ލަނޑުން ކާމިޔާބު ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބަޔާންގެ އެސިސްޓަންޓް ކޯޗު އާރޮން ޑަންކްސް ބުނީ ކޮމްޕެނީގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި އޭނާ ކުރިއަށް ވުރެ މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ.