ޗައިނާގައި ބޭއްވި ނިންގްބޯ އޯޕަން ޓެނިސް މުބާރާތުގެ ތަށި މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރިބާކިނާ ދިފާއު ކޮށްފިއެވެ.

މިމުބާރާތުގެ ތަށި ރިބާކިނާ ދިފާއު ކޮށްފައިވަނީ ފައިނަލްގައި ކެނެޑާގެ ލޭލާ ފެނާންޑޭޒް އާއި ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިއީ ދުނިޔޭގެ ރޭންކިންގގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާއަށް ވީ ފަހުން ރިބާކިނާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ މުބާރާތެވެ. އަދި މިއާއެކު މިއަހަރު ނިމޭއިރު ރޭންކިންގގެ އެއްވަނައިގައި ދެމިއޮތުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

މިމެޗުގެ ފުރަތަމަ ސެޓު ރިބާކިނާ ކާމިޔާބު ކޮށްފައިވަނީ 6-2 އިންނެވެ. އަދި މިސެޓުގައި ރިބާކިނާ ވަނީ ފަސްވަނަ ގޭމްގައި ފެނާންޑޭޒްގެ ސަރވް ބްރޭކްކޮށްފައެވެ. އެއާއެކު އޭނާ މިސެޓު ނިންމާލީ 38 މިނެޓްގެ ތެރޭގައެވެ. މިމެޗުގެ ދެވަނަ ސެޓު ފެނާންޑޭޒް އިތުރު ހިތްވަރަކާއެކު ފެށި ނަމަވެސް މިސެޓުގައިވެސް ރިބާކިނާވަނީ ފެނާންޑޭޒްގެ ސަރވް ހަތަރު ވަނަ ގޭމްގައި ބްރޭކް ކޮށްފައެވެ. އަދި އެއާއެކު ރިބާކިނާ ދެވަނަ ސެޓުވެސް ކާމިޔާބު ކޮށްފައިވަނީ 6-2 ގެ ނަތީޖާއިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރިބާކިނާ ބުނީ މިމުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރު އަނެއްކާވެސް މިމުބާރާތް ކާމިޔާބު ކުރެވުމުން ވަރަށް އުފާކުރާ ކަމަށާއި ނިންގްބޯގެ ސަޕޯޓަރުން ކުރިމަތީ ކުޅުމުގެ ފުރުސަތު ލިބުމުން އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާކަމަށެވެ. މިއީ މިސީޒަންގެ ޓުއަރގައި ރިބާކިނާއަށް ކާމިޔާބު ކުރެވުނު 4 ވަނަ މުބާރާތެވެ. އަދި މުޅި ޖުމްލަ ބަލާއިރު އޭނާއަށް ކާމިޔާބު ކުރެވުނު 15 ވަނަ މުބާރާތެވެ. ދުނިޔޭގެ ރޭންކިންގގެ އެއްވަނައަށް އެރުމަށްފަހު ކުޅުނު ފުރަތަމަ މުބާރާތްކަމަށްވާ ޗައިނާ އޯޕަންގައި ފަޔަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އެމުބާރާތުގައި އެންމެ ރަނގަޅަށް ނުކުޅެވުނު އިރު ޖެހިގެން އައި ވޫހާން އޯޕަންގައި އޭނާ އެއަނިޔާގެ ސަބަބުން ނުކުޅެއެވެ. އެހެން ކަމުން އެއްވަނަ ކުޅުންތެރިޔާގެ ހައިސިއްޔަތުން ކާމިޔާބު ކުރެވުނު ފުރަތަމަ މިތަށީގެ ހާއްސަކަންވެސް ރިބާކިނާއަށް އެބައޮތެވެ.

މިމުބާރާތަށްފަހު ރިބާކިނާގެ ސަމާލުކަން ހުއްޓިގެންދާނީ ޖަޕާންގެ ވެރިރަށް ޓޯކިޔާގައި މިހަފްތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ޕޭން ޕެސިފިކް އޯޕަން މުބާރާތަށެވެ. އަދި އެއަށްފަހު އެމެރިކާގެ ކެލިފޯނިއާގައި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސީޒަން ނިންމާ މުބާރާތަށެވެ.