އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

މި މެޗުން ލިވަޕޫލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލުގެ 4 ވަނަ މަގާމް ލިބިފައެވެ. ބްރައިޓަން އަށް ލިބިފައިވާ 16 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގައެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވިއިރު މިއީ ޕްރިމިއާ ލީގުގައި މި ސީޒަނުގައި ލިވަޕޫލް އަމިއްލަ ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ.

މި މެޗުގެ ގިނައިރު ބްރައިޓަންއިން ބޯޅަ ހިފަހައްޓައިގެން ކުޅެ އެ ޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާ ފޮނުވާފައިވަނީ ލިވަޕޫލްއިންނެވެ.

ލިވަޕޫލް އިން މި މެޗުގެ 17 ވަނަ މިނިޓުގައި ލީޑު ނަގާފައިވަނީ ބްރައިޓަންގެ ޕަސްކަލް ގްރޮސްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުންނެވެ. މި ލަނޑަކީ ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ފޮނުވާލި ބޯޅައެއް ގްރޮސްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންގޮސް ވަދެފައިވާ ލަނޑެކެވެ.

ލިވަޕޫލްއިން މި ލަނޑު ޖެހުމުގެ ކުރިން ބްރައިޓަންއަށް ވަނީ ލީޑު ނަގަން ރަގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ޔަސީން އަޔާރީ ފޮނުވާލި ބާރު ހަމަލާ ވަނީ ލިވަޕޫލްގެ ގޯލުގެ ދަނޑި މަތިން ބޭރުވެފައެވެ.

މި މެޗުގައި ލިވަޕޫލްއިން ފަރަގު ބޮޑުކޮށްފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި ބްރެޑްލީ ބާކޯލާ ދިން ޕާހަކުން އެލެކްޒެންޑަރ އިސާކް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ބްރައިޓަންއަށް މި މެޗުގެ ދެވަނަ ހާފުގައިވެސް މެޗުގެ ނަތީޖާ ބަދަލުކުރެވޭނެފަދަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ.

މި މެޗުން ބްރައިޓަން ބަލިވިއިރު މިއީ މި ސީޒަނުގައި އެ ޓީމުން މިހާތަނަށް ކުޅުނު 13 މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ.