މައްކާއާއި މަދީނާއަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ދެމުންދާ ހަމަލާތައް ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ ރިޔާސަތުގެ އިސްވެރިޔާ ޝައިޚް އަބްދުއްރަޙްމާން އަލް-ސުދައިސް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން މުޤައްދަސް ދެ ރަށް ކަމުގައިވާ މައްކާއާއި މަދީނާއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް ދެ މިސައިލް ސަޢުދީ ޢަރަބިއްޔާއިން ވަނީ ދިފާޢުކޮށް ވައްޓާލައިފައެވެ. އެ މިސައިލްތަކުގެ ބައިތައް އެ ޤައުމުގެ އެކި ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށް ސަޢުދީ ޢަރަބިއްޔާގެ މަދަނީ ދިފާޢުއިން ބުނެއެވެ. އެ ގޮތުން މައްކާގެ އަލް-މުޣައްމަސް ވާދީއަށާއި އެ ޤައުމުގެ ހުޅަނގުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޠާއިފުގެ ޖަލީލު ވާދީއަށާއި، ޖިއްދާގެ އަލް-ނުޒުހާ އަވަށާއި، ރާބިޢުގެ މަސްތޫރާ މަރުކަޒަށް ވެސް މިސައިލްގެ ބައިތައް ވެއްޓުނު ކަމަށް އިދާރާތަކުން ބުނެއެވެ.

އެ ހަމަލާތަކާ ގުޅޭ ގޮތުން ޝައިޚް އަލް-ސުދައިސް ވިދާޅުވީ މުޤައްދަސް ދެ ހަރަމްފުޅުގެ ސަލާމަތަށް ނުރައްކާ ކުރުމަކީ ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގެއް ކަމަށެވެ. ޙޫޘީން ތަކުރާރުކޮށް އަމާޒުކުރަމުންދާ ހަމަލާތަކުން ދައްކުވައިދެނީ މުސްލިމުންނާއި މުސްލިމުންގެ މުޤައްދަސް ބިންތަކާ މެދު އެ ޖަމާޢަތުގެ ނިޔަތް ގޯސްކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޖަމާޢަތުގެ އުސޫލުތަކަކީ މުޖުރިމުންގެ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލް-ސުދައިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޙޫޘީންގެ ހަމަލާތަކަކީ އިސްލާމީ ޝަރީޢަތާ ޚިލާފަށް ދެމުންދާ ހަމަލާތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގައި މުޤައްދަސް ބިންތަކަށް ރައްކާތެރިކަން ދިނުމަށް ޢަމުރުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޙޫޘީންގެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހަމަތަކަށް ގޮންޖަހާ ޢަމަލުތަކެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވިއެވެ.

މި ދަނޑިވަޅުގައި، ސަޢުދީގެ ވެރިރަށް ރިޔާޟުގެ ސަރަޙައްދުގެ މަތިން އުދުހުނު ޑްރޯންތަކެއް ވެސް ސަޢުދީ ޢަރަބިއްޔާއިން ވައްޓާލާފައިވެއެވެ. އަދި މިސައިލްއެއް ވެސް ހުއްޓުވާފައިވެއެވެ. އޭތެ އިތުރުން ޚާމިސް މުޝައިތަށް އަމާޒުކޮށް ދީފައިވާ ކްރޫޒް މިސައިލް ހަމަލާއަކާއި ބެލިސްޓިކް މިސައިލްގެ 10 ހަމަލާ ހުއްޓުވާފައިވެއެވެ.

ސުދައިސް ވަނީ ސަޢުދީ ޢަރަބިއްޔާގެ ދިފާޢީ ތައްޔާރީތަކަށް ތައުރީފުކުރައްވައިފައެވެ. ޙޫޘީންގެ ހަމަލާތަކުގެ ސަބަބުން ސަޢުދީ އަރަބިއްޔާގެ ހަމަޖެހުމަށް ބުރޫނާރާނެ ކަމަށާއި، އެ ހަމަލާތަކުގެ ސަބަބުން މުޤައްދަސް ބިންތަކާއި ޙައްޖާއި އުމްރާވެރިން ރައްކާތެރިކުރުމަށް އެ ޤައުމުން އައު ހިތްވަރަކާއެކު މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.