ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު 5 ދުވަހުގެ މުއްދަތަށް ހަމަޖައްސައިދީފި ކަމަށެވެ.
އަދި މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖުމްލަ 33 މީހަކު ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ.
ށ.ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 1 ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް 5 ދުވަހުގެ މުއްދަތަށް މި އޮތޯރިޓީން ވަނީ ހަމަޖައްސާދީފައި . https://t.co/6ICMb70k3G
— NDMA Maldives (@NDMAmv)October 25, 2026
ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބިގެން 20 މީހަކަށް ފުނަދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދީފައިވެއެވެ. ފަރުވާ ދިން މީހުންގެ ތެރޭގައި ދުމުގެ އަސަރު ކޮށްގެންނާއި، ފިހިގެން އަދި އެކި ކަހަލަ ޒަޚަމްތައް ލިބުނު މީހުން ހިމެނުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ބައެއް މީހުން ފަރުވާއަށްފަހު ވަނީ ދޫކޮށްލާފައެވެ.
އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 11:00 ހާއިރުއެވެ. މި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، ފުނަދޫ އެއާޕޯޓުގެ ފަޔާ ޓީމުގެ އިތުރުން ރަށުގެ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އަދި މި އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވުނީ ހދ. ކުޅުދުއްފުށީގައި ތިބޭ އެމްއެންޑީއެފް ފަޔާ ޓީމު އެރަށަށް ގޮސް ކުރި މަސައްކަތުންނާއި، ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓުގެ ފަޔާ ޓީމުން ފޯރުކޮށްދިން އެހީތެރިކަމާވެސް އެކުގައެވެ.
މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަލިފާން ނިއްވުމާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވި ހުރިހާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދޭ ކަމަށާއި، އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫއަވާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.