ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު ބިސްބުރު ސްޕޯޓްސް ކުލަބުން ހިތްހަމަޖެހުމެއް ހޯދައިފިއެވެ.

ކުރިއަށް އޮތް ދިގު ބައިނަލްއަގްވާމީ ބްރޭކަށް ދިވެހި ލީގުގެ ކުޅުން މެދުކަނޑާލާއިރު، މިއީ މި ދެ ޓީމަށް ވެސް ލީގުގައި ކުޅެން އޮތް ފަހު މެޗެވެ. މި މެޗުން މޮޅެއް ހޯދައިގެން ދެ ޓީމަށް ވެސް ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އޮތެވެ.

މި ފުރުސަތުގެ ބޭނުން ހިފައި ބިސްބުރުން ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލީ ޓީސީގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މެޗު ފަށައިގެން މޮޅަށް ކުޅެ ގިނަ އެޓޭކުތަކެއް ކުރީ ބިސްބުރުންނެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ މެޗު ފަށައިގެން 10 މިނެޓުގެ ތެރޭގައި ލަނޑެއްޖަހައި ލީޑުނަގާފައެވެ. ޑީއޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ރީތި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާޙީމް އަތީގް ހަސަން އެވެ.

ބިސްބުރުން ލީޑު ފުޅާކުރީ އޭގެ ފަސް މިނެޓުފަހުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޒިދާން އީސާއެވެ. މިއީ ވެސް އޭރިއާ ބޭރުގައި ހުރެފައި ޒިދާން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ވަރަށް ބޯކޮށް ވާރޭވެހެން ފެށިއިރު މެޗުގެ 36ވަނަ މިނެޓުގައި ވިއްސާރައިގެ ސަބަބުން ކުޅުން އިތުރަށް ކުރިއަށް ނުގެންދެވި މެޗު މެދުކަނޑާލިއެވެ. އޭގެ 15 ވަރަކަށް މިނެޓުފަހުން އަލުން ކުޅުން ފެށިއިރު ދެ ޓީމަށް ވެސް އުނދަގޫތަކަކާ ކުރިމަތިވިއެވެ.

ހާއްސަ ގޮތެއްގައި ދަނޑުގައި ފެނާއި ޗަކަ ހެދިފައި އޮތުމުން ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް އެންމެ ބޭނުންވި ގޮތަށް ދަނޑުމަތީގައި ބޯޅައާއިއެކު ހަރަކާތްތެރިވެވޭގޮތެއް ނުވިއެވެ.

މެޗުގެ ކުޅުން އަލުން ފެށިއިރު 45 މިނެޓުގެ ކުޅުން ހަމަވެފައި އޮތުމާއިއެކު އިތުރު ވަގުތުގެ ގޮތުގައި 12 މިނެޓު ކުޅެފައިވެއެވެ.

ދެވަނަ ހާފު ފަށައިގެން ދެޓީމުން މަޑުމަޑުން މި އުނދަގޫތަކާއެކުވެސް ކުޅެވޭތޯ މަސައްކަތްކުރިއިރު މި ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 65ވަނަ މިނެޓުގައި ޓީސީއަށް ކާމިޔާބުކޮށްދިނީ ހަސަން އީނާޒެވެ. މިއީ ހިލޭޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައި އީނާޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މޮޅާއެކު ތާވަލުގެ ފަސްވަނައިގައި ބިސްބުރު އޮތީ ކުޅުނު 6 މެޗުން 9 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތްވަނައިގައި ޓީސީ އޮތީ ހަ މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހޯދި 6 ޕޮއިންޓާއެކުއެވެ.